ރާއްޖޭގައި އޮންލައިންކޮށް ކުރިއަށްގެންދާ ނަރުސްކަމުގެ ކޯސްތައް ބަލައިނުގަންނަން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ނިންމައިފިއެވެ.

އެމްކިއުއޭ އިން ރޭ ނެރުނު އިއުލާނެއްގައި ބުނީ ކޮވިޑް-19ގެ ދުވަސްވަރު ފައްޓާފައިވާ އީ-ލާނިން ޑެލިވަރީ މޮޑަލިޓީން ހިންގުމުގެ ހުއްދަ ލިބިގެން ހިންގަމުން އަންނަ ޕްރޮގްރާމްތަކުގެ ތެރެއިން، "ގައިޑްލައިންސް ފޯ އީ-ލާނިން"ގެ ޑެލިވަރީ މޮޑަލިޓީން ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅާފައިވާ ދާއިރާތަކުގެ ބައެއް ކޯސްތައް ކުރިއަށް ނުގެންދެވޭނެކަން ކުރިންވެސް އަންގާފައިވާނެ ކަމަށެވެ.

އެގޮތުން ނަރުސްކަމުގެ ދާއިރާގެ ޕްރޮގްރާމްތައް ދިގު މުއްދަތަކަށް އީ-ލަނިން ޑެލިވަރީ މޮޑަލިޓީގެ ދަށުން ކުރިއަށް ގެންދިއުމަކީ އެ ދާއިރާގެ ލައިސެންސިން އިދާރާ ކަމުގައިވާ މޯލްޑިވްސް ނާސިން އެންޑް މިޑްވައިފްރީ ކައުންސިލުން ހުއްދަ ދީފައިވާ ގޮތް ނޫން ކަމަށް އެ ކައުންސިލުން އަންގާފައިވާތީ، ނަރުސްކަމުގެ ކޯސްތައް އީ-ލާނިން ޑެލިވަރީ މޮޑަލިޓީގައި ކުރިއަށް ގެންދިއުމުގެ ހުއްދަ ދެވެން ނެތް ކަމަށް ބުންޏެވެ.

އެމްކިޔުއޭގެ އިއުލާނުގައި ވަނީ، ނާސިން ކައުންސިލުން ހުށަހަޅާފައިވާ ގޮތަށް މަތީ ތައުލީމު ދޭ މަރުކަޒުތަކުން މިހާރު ހިންގަމުންދާ ސެމިސްޓާގެ ނިޔަލަށް އީ-ލާނިން ޑެލިވަރީ މޮޑަލިޓީގައި ނަރުސްކަމުގެ ދާއިރާގެ ކޯސްތައް ހިންގުން ހުއްޓާލަން އަންގައިފައެވެ. އެ އެންގުމާ ހިލާފަށް ހިންގަމުން އަންނަ ނަރުސްކަމުގެ ކޯސްތައް، އެ އޮތޯރިޓީން ބަލައިނުގަންނާނެ ކަމަށްވެސް ބުންޏެވެ.