ކަރައަކީ ރޯދަމަހުގައި ފަނިގިރުމަށް އެންމެ އާއްމުކޮށް ބޭނުންކުރާ ބާވަތެވެ. ރޯދަމަސް ފެށުނުއިރު، ދަތުރުވެރިންގެ މާރުކޭޓު ފުރާލައިފައި އޮތީ ތޮއްޑޫ ކަރައިންނެވެ. ރޯދަ މަހުގެ ފުރަތަމަ ދުވަހު ބާޒާރުގައި ތޮއްޑޫ ކަރާ ކިލޯއެއް ލިބެން ހުރީ 28-35 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައެވެ. އޭގެ ފަހުން އައި ތިން ދުވަހުވެސް އަގުތައް ހުރީ އެއްވަރެއްގައި ހިފެހެއްޓިފައެވެ.

ބާޒާރުގައި ތޮއްޑޫ ކަރާގެ އަގު މިއަދު ވަނީ ވަރަށް ބޮޑަށް ވެއްޓިފައެވެ. އެގޮތުން ބާޒާރުގެ ބައެއް ގޮޅިތަކުން ތޮއްޑޫ ކަރާ ކިލޯއެއް 20 ރުފިޔާއަށްވެސް ލިބެން އެބަ ހުއްޓެވެ. އެންމެ އަގު ބޮޑުކޮށްވެސް ކަރާ ކިލޯއެއް ހުރީ 25 ރުފިޔާއަށެވެ.

"ކަރާ އެބަ ލިބޭ ބޯކޮށް، މިއަދުވެސް އާ ކަރާ ލިބިއްޖެ، މިހާރު މިތާވެސް އެބަހުރި ޓަނަކަށްވުރެ ގިނަ ކަރާ،" ދަތުރުވެރިންގެ މާރުކޭޓުގައި ކަރާ ވިއްކާ ވިޔަފާރިވެެރިއަކު ބުންޏެވެ.

"ވަން" އާ ވާހަކަ ދެއްކި އެހެން ވިޔަފާރިވެރިޔަކު ބުނި ގޮތުގައި ގަންނަ ކަރާ އެ ދުވަހުން ދުވަހަށް ހުސްނުވެއެވެ. އެހެންވެ، ރޯދަ މަހުގެ ފުރަތަމަ ދުވަހު ގެނައި ކަރާ ނުއަގުގައި ވިއްކަން ޖެހިފައިވާ ކަމަށް ބުންޏެވެ.