ސްޓޭޓް ޓްރޭޑިން އޯގަނައިނޭޝަން (އެސްޓީއޯ) ގެ ހިންގުން ވަގުތީގޮތުން އެކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) މުހައްމަދު ނިޒާމްއާ ހަވާލުކޮށްފިއެވެ.

އެސްޓީއޯ އިން އެކަން އިއުލާންކޮށްފައިވަނީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސައިން އަމްރު، މަގާމުން ވަކިކުރިކަން މިއަދު އިއުލާންކުރަމުންނެވެ.

އެސްޓީއޯ އިން ނެރުނު އިއުލާނުގައި ބުނީ އެސްޓީއޯގެ ހިންގުން ވަގުތީގޮތުން ނިޒާމްއާ ހަވާލުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން އަންގާފައިވާތީ، މިއަދު ބޭއްވި އެ ކުންފުނީގެ ބޯޑުން އެ ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

އެސްޓީއޯ އިން ބުނީ އަމްރުގެ ހިދުމަތަށް ޝުކުރު އަދާކުރާ ކަމަށާއި ކުރިއަށްއޮތް ތަނުގައި އެ ކުންފުނީގެ ތަސައްވުރަށް ސާބިތުވެ، ވިޔަފާރީގެ ހުރިހާ ދާއިރާއަކުން ވެސް އިތުރު ކުރިއެރުން ގެނައުމަށް މަސައްކަތްކުރާނެ ކަމަށެވެ.

އަމްރު އެސްޓީއޯގައި އަދާކުރައްވަމުން ގެންދެވި މަގާމުތަކުން ވަކިކުރަން ނިންމެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ރައީސް ވަނީ އަމްރު، އެސްޓީއޯގެ ބޯޑު ޑިރެކްޓަރު ކަމުންނާއި އެ ކުންފުނީގައި އޭނާ އަދާކުރައްވަމުން ގެންދެވި މެނޭޖިން ޑިރެކްޓަރު ކަމާއި ސީއީއޯ ކަމުން ވަކިކުރައްވަން ނިންމަވައިފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު "ވަން" އަށް މިއަދު ވިދާޅުވެފައިވަނީ ސަރުކާރުގެ ކުންފުނިތަކުގެ ހިންގުމަށް އަބަދުވެސް ބަދަލުތައް ގެންނަ ކަމަށާއި އަމްރު ވަކިކުރަން ނިންމުމަކީ އެގޮތަށް ގެންނަން ނިންމި ބަދަލެއް ކަމަށެވެ.

އަމްރު އެސްޓީއޯއިން ވަކިކުރެއްވި އިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އޭނާ ތާއީދުކުރެއްވީ ރައީސް ސޯލިހާ ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށެވެ. އަދި އޭނާ ގެންދަވަނީ އެމްޑީޕީ ތެރެއިން ރައީސް ނަޝީދު އުފައްދެވި "ފިކުރެއްގެ ދިރުން" ފެކްޝަންގައި އިސްކޮށް މަސައްކަތްކުރައްވަމުންނެވެ.