ރާއްޖޭގެ ހުރިހާ ސްކޫލުތައް ބައިވެރިވާ ގޮތަށް ލަވަ މުބާރާތެއް ބޭއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
މި މުބާރާތް ބާއްވާނީ އެޑިޔުކޭޝަން މިނިސްޓްރީ އާއި ޔޫތް މިނިސްޓްރީ އާއި ނޭޝަނަލް ފޯ ދި އާޓްސް (އެންސީއޭ) އަދި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާ ގުޅިގެންނެވެ. އެގޮތުން މިއަދު ވަނީ އެޑިއުކޭޝަން މިނިސްޓްރީ އާއެކު ޔޫތް މިނިސްޓްރީ އާއި އެންސީއޭ އަދި ޕީއެސްއެމުން އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީއެވެ. ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފެވެ. ޕީއެސްއެމުން ސޮއިކުރެއްވީ މެނެޖިން ޑިރެކްޓަރު އަލީ ހާލިދެވެ. އަދި އެންސީއޭގެ ފަރާތުން ސޮއިކުރެއްވީ އާޓްސް މިނިސްޓަރު ޔުމްނާ މައުމޫނެވެ.
މިނިސްޓްރީން ބުނީ މި މުބާރާތުގައި ރާއްޖޭގެ ހުރިހާ ސުކޫލުތަކެއްގެ ހުރިހާ އުމުރުފުރައެއްގެ ކުދިންނަށްވެސް ބައިވެރި ވެވޭނެ ކަމަށެވެ.
މިނިސްޓްރީން ބުނީ މުބާރާތުގެ މަގުސަދަކީ ސުކޫލުތަކުގެ މެދުގައި ލަވަ ކިޔުމާއި މިއުޒިކުގެ ފަންނުވެރިކަން ކުރިއެރުވުން ކަމަށާއި ދަރިވަރުންގެ މެދުގައި ލަވަޔާއި މިއުޒިކުގެ ފަންނީ ހަމަތަކަށް ލޯބިޖެއްސުމާއި ފަންނީ ހުނަރުވެރިކަން މަތިކުރުމާއި އަމިއްލަ ދިވެހިވަންތަ ރާގާއި މިއުޒިކް އަދި ލަވައިގެ އުފަންދުންތެރިކަން އިތުރުކުރުމަކީވެސް މަގުސަދެއް ކަމަށެވެ. އަދި މި މުބާރާތުގެ ސަބަބުން މުސްތަގުބަލުގައި ފެންވަރު ރަނގަޅު ދިވެހި ލަވަކިޔުންތެރިންނާއި ފަންނުވެރިން އުފެދި ފަންނުވެރިކަން ކުރިއަރައިގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ އަހަރަަކުވެސް އެއްފަހަރު ކަމަށާއި މިއަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 16 އިން 24 އަށް ކަމަށެވެ. އަދި ކުދިން ބައިވެރިވާ މިންވަރަށް ބެލުމަށްފަހު މުއްދަތަށް ބަދަލު ގެންނަން ޖެހޭނަމަ، ބަދަލު ގެންނާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
މުބާރާތުގައި ވަކި ވަކިން ވާދަކުރާ ބައި ކުރިއަށް ގެންދަން ނިންމާފައިވަނީ ދެ ބަޔަކަށް ބަހާލައިގެން ހަ އުމުރުފުރާއަކަށެވެ. އެގޮތުން ޖޫނިއާ ގުރޫޕް، ހަ އަހަރުން ދަށާއި ނުވަ އަހަރުން ދަށް އަދި 11 އަހަރުން ދަށުގެ ދަރިވަރުން ކުރިއަށް ގެންދާއިރު، ސީނިއާ ގްރޫޕް ކުރިއަށް ގެންދަން ނިންމާފައިވަނީ 15 އަހަރުން ދަށް، 17 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރާގެ ދަރިވަރުންނަށެވެ.
ސްކޫލުތަކުގެ ލަވަ މުބާރާތް އެންމެ ފަހުން ބާއްވާފައި ވަނީ 2015 ވަނަ އަހަރުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު