ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މުވައްޒަފުން މާލޭގެ 12 ސަރަހައްދެއް މިއަދު ސާފުކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލާއި ޑައިވް ޑެސްކްއާ ގުޅިގެން މިއަދު ހެނދުނު 6:30 އިން ފެށިގެން 9:00 އަށް ހިންގި އެ ހަރަކާތުގައި އާޓިފިޝަލް ބީޗް، ކާނިވާ ސަރަހައްދު، އިންޑަސްޓްރިއަލް ޒޯން، ރަސްފަންނުގެ އިތުރުން ލޯކަލް މާކެޓު ސަރަހައްދުވެސް ހިމެނޭހެން އާންމު ތަންތަނާއި މޫދު ވަނީ ސާފުކޮށްފައެވެ. އަދި ލޯކަލް މާރުކޭޓުގެ ބޭރު ފާރުގައި ކުލަ ލާފައިވެއެވެ.

ބޭންކުގެ 200 އެއްހާ މުވައްޒަފުން ބައިވެރިވި މި ހަރަކާތަކީ މި މަހުގެ 20 ވަނަ ދުވަހު ދުނިޔޭގައި ފާހަގަކުރާ އިންޓަނޭޝަނަލް ޑޭ އޮފް ހެޕިނަސްއާ ގުޅުވައިގެން ބީއެމްއެލްގެ މުވައްޒަފުން ހިންގި ހަރަކާތެކެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ އެ ހަރަކާތުގައި މުވައްޒަފުންގެ ބައިވެރިވުން ވަރަށް ފުރިހަމައަށް ލިބުނު ކަމަށާއި ބައިވެރިވި ހުރިހާ މުވައްޒަފުންނަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށެވެ. އަދި މާލޭ ސިޓީ ކައުންސިލުން ވެދިން އެހީތެރިކަމަށްވެސް ޝުކުރު އަދާކުރިއެވެ.

"މި ސަރަހައްދުތަކުގައި ވަރަށް ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅާއި ފުޅި ހުރި. އެއް ނަންބަރު ފާލަން ކައިރިއަށް ކުރި ޑައިވްގައިވެސް ޓަޔަރާއި ފުޅިފަދަ ތަކެތި ނެގުނު. އަދި ވަކިން ހާއްސަކޮށް ނެޓް ބޭނުންކޮށްގެން މަސްމާރުކޭޓު ކުރިމަތީގެ ފަޅުތެރެވެސް ސާފުކޮށް ގިނަ އަދަދެއްގެ ޕްލާސްޓިކް ފުޅި އާއި ކޮތަޅު ނެގުނު،" ސައީދު ވިދާޅުވިއެވެ.

ބީއެމްއެލުން ބުނީ، ސާފުކުރުމުގެ ހަރަކާތުގައި މާލެއިން ޖުމުލަ އަށް ޓަނުގެ ކުނި ނެގި ކަމަށެވެ. އަދި ޕާލޭގެ ޖަމްބޯ ބޭގުގެ ހަ ބޭގް ޕްލާސްޓިކް ރީސައިކަލް ކުރުމަށް ޕާލޭއާ ހަވާލުކޮށްފައިވާ ކަމަށް ބުންޏެވެ.