ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) އިން ހޯލްސޭލްކޮށް ފިޔާ، އަލުވި އަދި ބިސް ވިއްކާ އަގު އިތުރަށް ހެޔޮކޮށްފިއެވެ.
އެސްޓީއޯ އިން މިއަދު ބުނީ މިއަދުން ފެށިގެން ފިޔާ، އަލުވި އަދި ބިސް ކޭހުގެ އަގުން ފަސް ޕަސަންޓް ހެޔޮ ކޮށްފައިވާ ކަމަށެވެ. އެ ބަދަލާއެކު މިހާރު ފިޔާ ބަސްތާއެއް 160 ރުފިޔާއަށް، އަލުވި ބަސްތާއެއް 240 ރުފިޔާއަށް އަދި ބިސް ކޭހެއް 280 ރުފިޔާއަށް ގަންނަން ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
ކުރިން އެސްޓީއޯއިން ފިޔާ ބަސްތާއެއް ވިއްކީ 170 ރުފިޔާއަށެވެ. އަދި އަލުވި ބަސްތާއެއް 250 ރުފިޔާއަށް ވިއްކި އިރު، ބިސް ކޭހެއް ވިއްކީ 290 ރުފިޔާއަށެވެ.
"މިއީ ރޯދަމަހަށް އެސްޓީއޯގެ މުދާ އާންމުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް އެޅިފައިވާ ފިޔަވަޅެކެވެ..،" އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯއިން ބުނީ ފިޔާ، އަލުވި އަދި ބިސް ރީޓެއިލްކޮށް މިވަގުތު ލިބެން ހުންނާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި ހޯލްސޭލް ސެންޓަރުން ކަމަށާއި ވިޔަފާރިވެރިންނަށް ހާއްސަކޮށް، ހޯލްސޭލްކޮށް އެސްޓީއޯގެ ހޯލްސޭލް ސެންޓަރުގެ އިތުރުން އިންޑަސްޓްރިއަލް ވިލެޖުންނާއި ހުޅުމާލޭގެ ރޯދަ މާޓުން ލިބޭނެ ކަމަށެވެ.
ރީޓެއިލް އަގުގައި އެސްޓީއޯއިން ފިޔާ ކިލޯއެއް ވިއްކަނީ ނުވަ ރުފިޔާއަށެވެ. އަލުވި ކިލޯއެއް 11 ރުފިޔާއަށް އަދި ބިހެއް ވިއްކަނީ 1.75 ރުފިޔާއަށެވެ.
އެސްޓީއޯ އިން ބުނީ އެ ތަކެތީގެ އަގު ބޮޑުވިޔަނުދުނީ އެއްވަރެއްގައި މި ރޯދަ މަހު ހިފެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި