ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރ. އިނގުރައިދޫގައި ސެލްފް ސާވިސް އޭޓީއެމް އެއް ބަހައްޓައި ހިދުމަތް ދޭން ފަށައިފިއެވެ.

ބީއެމްއެލުން ބުނީ އިނގުރައިދޫ ބްރާންޗުގެ އާ އިމާރާތުގައި ހަދާފައިވާ އެ އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

މިއާއެކު މިވަގުތު ރ. އަތޮޅުގެ ފަސް ރަށަކުން އޭޓީއެމްގެ ހިދުމަތް ލިބޭނެއެވެ. އޭގެ އިތުރުން އެ އަތޮޅުގައި ބްރާންޗެއް ނުވަތަ އޭޓީއެމްއެއް ނެތް، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އޭޖެންޓް ބޭންކިން ހިދުމަތް ލިބޭނެ ކަމަށް ބޭންކުން ބުންޏެވެ.