ރާއްޖޭގެ އެންމެ ބޮޑު ކަނޑުދަތުރުގެ ފެއާ، މޯލްޑިވްސް މެރިން އެކްސްޕޯ މާދަމާ ފަށާއިރު، ފެއާއަށް މުޅިން އާ ތިން ބައެއް ހިމަނައި އިތުރަށް ފުރިހަމަކޮށްފިއެވެ.

ދިވެހި ކުންފުންޏެއް ކަމަށްވާ މީޑިއަމް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމުކުރާ ގައުމީ ބޯޓިން ޖަމިއްޔާ ބޯޓިން އެސޯސިއޭޝަން (އެންބީއެމް) ގެ ރަސްމީ ފެއާއަށް އިތުރު ކުރި ދިވެހިން އުފައްދާ ބީޗް ވެއާ ދައްކާލާ ފެޝަން ރަންވޭއެކެވެ.

އަންނަ ހުކުރު ދުވަހުގެ ރޭގަނޑު 10:00 އިން 10:45 އަށް ބާއްވާ މި ބައިގައި ދައްކާލާނީ ދިވެހިން އުފައްދާ ބީޗްވެއާ އަދި ސާފްވެއާ ބްރޭންޑުގެ ހެދުންތަކެވެ. މިއީ އެ ބްރޭންޑްތަކުގެ އުފެއްދުންތައް ވިޔަފާރި ބާޒާރަށް ދައްކާލަން ބާއްވާ ޕްލެޓްފޯމެކެވެ. މި އަހަރު ފެޝަން ރަންވޭގައި ބީޗްވެއާ އާއި ސާފްވޭއާ އެޕަރަލްސްގެ 10 ބްރޭންޑެއްގެ ލައިންއަޕް ދައްކާލާނެއެވެ.

ދެވަނައަށް އިތުރުކުރި ބަޔަކީ ގޯލްޑެން ވޭވްސްގެ ނަމުގައި ސްޕޮންސަރުންނަށް ހާއްސަކޮށް ބާއްވާ ހާއްސަ މެންދުރުގެ ކެއުމެކެވެ. މި އިވެންޓް އޮންނާނީ ފެއާގެ އެންމެ ފަހު ދުވަސް ކަމަށްވާ މި އަންނަ ހޮނިހިރު ދުވަހުގެ 11:30 އިން މެންދުރުފަހު 2:00 އަށެވެ.

ހޮސްޕިޓަލިޓީ އިންޑަސްޓްރީގެ އޯނަރުންނާއި ޓޮޕް އެގްޒެކެޓިވްއާ ބައްދަލުވާން ލިބޭ އެ އިވެންޓުގައި ފެއާގެ މެއިން ސްޕޮންސާ، އެމްޓީސީސީ އަދި ކޯ-ސްޕޮންސާ ގަލްފް ކްރާފްޓުން އެ ކުންފުނިތަކުގެ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކާ ގުޅޭ ޕްރެޒެންޓޭޝަނެއް ދޭނެއެވެ.

މޯލްޑިވްސް މެރިން އެކްސްޕޯ ކުރިއަށްދާ މުއްދަތުގައި ޔޮޓެއްގައި ހާއްސަ ނެޓްވޯކިން އިވެންޓެއްވެސް ބާއްވަން ވަނީ ނިންމައިފައެވެ. މި ނެޓްވޯކިން ސެޝަންގައި އެގްޒިބިޓަރުންނަށް ބައިވެރިވެ، އެހެން އެގްޒިބިޓަރުންނާ ގުޅުން ގާއިމުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި އަހަރުގެ މެރިން އެކްސްޕޯ ކުރިއަށްދަނީ މާދަމާ އިން ފެށިގެން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުގައެވެ. މި އަހަރުގެ ފެއާގެ އެއް މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ.