އަމީނީމަގު ހެދުމުގެ އެއްބަސްވުމާއި ކުރެހުން ހާމަކުރަން އަމިއްލަ ފަރާތަކުން އެދުމުން އެ މައުލޫމާތު އޭނާ އާ ހިއްސާކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީއަށް އެންގީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ނިންމައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްގެން ތަރައްގީކުރަމުން އަންނަ އަމީނީ މަގުގެ މަޝްރޫއުގެ އެއްބަސްވުމާއި ތަފްސީލު ކުރެހުން ހޯދުމަަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހައުސިން މިނިސްޓްރީގައި އެދުނީ އާއްމު މީހެކެވެ.

ނަމަވެސް އެ މިނިސްޓްރީން ވަނީ އެ މައުލޫމާތު ދޭން ދެކޮޅު ހަދައިފައެވެ. އެހެންވެ، އެ މައުލޫމާތު ދިނުމަށް އައިކޮމް އިން މިނިސްޓްރީއަށް އެންގުމުން އެއީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ބުނެ ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީން އެމައްސަލަ ހައި ކޯޓަށް ހުށަހެޅިއެވެ.

ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީން ބުނެފައިވަނީ އަމީނީ މަގުގެ މައުލޫމާތު ހާމަކުރުމަށް އިންކާރުކުރީ، އެ މައުލޫމާތު ހާމަކޮށްފިނަމަ ތިން ވަނަ ފަރާތެއްގެ މާލީ މަސްލަހަތަށް ބުރޫއަރާފާނެތީއެވެ.

އެ މައްސަލައިގައި ހައި ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނީ، ގާނޫނުގެ ދަށުން ތިން ވަނަ ފަރާތް މާނަ ކުރާއިރު، ދައުލަތުގެ އިދާރާތައް އޭގެ ތެރޭގައި ނުހިމެނޭނެ ކަމަށާއި ތިން ވަނަ ފަރާތް ކަމަށްވާ އާރްޑީސީއަކީ ދައުލަތުގެ އިދާރާއެއް ނޫން ކަމަށެވެ.

މީގެ އިތުރުން އަމީނީ މަގުގެ މައުލޫމާތު ހާމަކުރަން ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީގެ އޮންފޮމޭޝަން އޮފިސަރު އިންކާރު ކުރަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ އިސްތިސްނާ ހާލަތްތަކުން ކުރެ ކޮން އިސްތިސްނާ ހާލަތަކަށް ފެތޭތީ ކަމެއް ބަޔާންކޮށްފައިނުވާ ކަމަށެވެ. އެހެންވެ، މިނިސްޓްރީން އެ މައުލޫމާތު ހާމަކުރަން ދެކޮޅު ހަދަންޖެހޭ ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމުން، އައިކޮމްގެ ނިންމުން ބަދަލުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ހުކުމުގައިވެއެވެ.