އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިނަށް ލޮގިންކުރުމަށް މަސައްކަތްކޮށް ނުވަދެވޭ ހާލަތްތަކުގައި އިތުރު ލޮގިން ނޮޓިފިކޭޝަނެއް ފޮނުވުމަށް ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ.

ބީއެމްއެލުން މިއަދު ބުނީ މިއަދުން ފެށިގެން އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިނަށް ލޮގިންކުރުމަށް މަސައްކަތްކޮށް ނުވަދެވޭ ހާލަތްތަކުގައި އިތުރު ލޮގިން ނޮޓިފިކޭޝަނެއް ފޮނުވާނެ ކަމަށެވެ.

"މިއީ މިހާރުވެސް ލޮގިން ކުރާ އިރު ފޮނުވާ އެލާޓްގެ އިތުރުން ކަސްޓަމަރުންނަށް ލިބޭނެ ނޮޓިފިކޭޝަނެކެވެ. އަދި މީގެ އިތުރުން އިންޓާނެޓް އަދި މޮބައިލް ބޭންކިން އަށް ޖެހިޖެހިގެން ތިން ފަހަރު ވަންނަން މަސައްކަތްކޮށް ލޮގިން ނުވެވިއްޖެނަމަ، މި ހިދުމަތް މެދުކެނޑޭ ހާލަތްތަކުގައި އީމެއިލް މެދުވެރިކޮށް ކަސްޓަމަރުންނަށް އެލާޓް ލިބޭނެ،" ބީއެމްއެލުން ބުންޏެވެ.

މި ނޮޑިފިކޭޝަންގެ ބޭނުމަކީ އިންޓަނެޓް އަދި މޮބައިލް ބޭންކިންއަށް ވަންނަން މަސައްކަތްކުރާ ހާލަތެއްގައި ކަސްޓަމަރުންނަށް އެކަމުގެ މައުލޫމާތު ދިނުން ކަމަށެވެ. އަދި ނޮޓިފިކޭޝަން ފޮނުވާނީ ބޭންކުގައި ރެޖިސްޓާކޮށްފައިވާ އީމެއިލަށް ކަމަށްވެސް ބޭންކުން ބުންޏެވެ.

ބޭންކުން ވަނީ ސްކޭމްތަކުން ކަސްޓަމަރުން ރައްކާތެރިކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން މި ހަފުތާގެ ކުރީކޮޅު ބޭންކުން ވަނީ ސްކޭންކޮށްގެން ޕޭމަންޓް ހަދާ ހުރިހާ މުއާމަލާތަކަށް ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ޖަހަންޖެހޭ ގޮތަށް ހަމަޖައްސައިފައެވެ.

މީގެ އިތުރުން އޯޓީޕީ ޖެނެރޭޓްކުރުމަށް އޮތެންޓިކޭޓާ އެޕް ތައާރަފުކުރުމާއި އޯޓީޕީ ފޮނުވާ ޑިފޯލްޓް ޗެނަލެއްގެ ގޮތުގައި އީމެއިލް ހުއްޓާލުމާއި ލޮގިންކުރާ ހާލަތްތަކުގައި އެލާޓް ފޮނުވުމާއި، އިންޓަނެޓް އަދި މޮބައިލް ބޭންކިންގެ ހުރިހާ މުއާމަލާތަކަށް ޕުޝް ނޮޓިފިކޭޝަން ފޮނުވުމަށްވެސް ބީއެމްއެލުން ވަނީ ހަމަޖައްސައިފައެވެ.

ބީއެމްއެލުން އިތުރަށް ބުނީ ސެކިއުރިޓީ ފީޗާސްތައް އިތުރަށް ހަރުދަނާ ކުރުމަށް އަޅަމުންދާ ފިޔަވަޅުތައް ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ތައާރަފު ކުރާނެ ކަމަށެވެ.