އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ މޯލްޑިވްސް އިސްލާމިކް ބޭންކް އިސްލާމިކް ފައިނޭންސް އެގްޒިބިޝަން އޮފް މޯލްޑިވްސް (އެމްއައިބީ އައިފެމް) މާދަމާ ފަށާނެއެވެ.
މިއީ އިސްލާމިކް ފައިނޭންސަށް ހާއްސަކޮށްގެ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ އެގްޒަބިޝަނެވެ.
އައިޔޫއެމުން ބުނީ އެގްޒިބިޝަންގެ މަގުސަދަކީ އިސްލާމިކް މާލީ ނިޒާމާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި އެ ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ހިތްވަރުދިނުން ކަމަށެވެ. މި އެގްޒިބިޝަން އޮންނާނީ އައިޔޫއެމްގެ ހޯލްގައި މާދަމާ ހެނދުނު 10:00 އިން ހަވީރު 6:00 އަށެވެ.
އައިޔޫއެމުން ބުނީ މި އެގްޒިބިޝަނަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އުމްރާ ދަތުރެއް ލިބޭނެ ކަމަށެވެ. އެ ދަތުރު ސްޕޮންސާކޮށްފައި ވަނީ ޔަލަމްލަމް ހައްޖް އެންޑް އުމްރާ ގްރޫޕްގެ ފަރާތުންނެވެ.
މި އެގްޒިބިޝަންގައި މޯލްޑިވްސް އިސްލާމިކް ބޭންކްގެ އިތުރުން ބީއެމްއެލް އިސްލާމިކް، އަޔާދީ ތަކާފުލް، އަމާނާ މޯލްޑިވްސް، އެޗްޑީއެފްސީ އަދި މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީގެ ސެންޓާ ފޯ އިސްލާމިކް އިކޮނޮމިކްސް ބައިވެރިވާނެއެވެ.
މި އެގްޒިބިޝަންގައި އިސްލާމީ މާލީ ނިޒާމްގައި ހުރި ޕްރޮޑެކްޓްސްގެ އިތުރުން މި ދާއިރާގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ބެހޭގޮތުން ފޯރަމެއް ވެސް ބާއްވާނެއެވެ. އަދި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުރި ވަޒީފާގެ ފުރުސަތުތަކަށް ވޯލްކް އިން އިންޓަވިއުވެސް ކުރިއަށް ގެންދާނެ ކަމަށް އައިޔޫއެމުން ބުންޏެވެ.
މީގެ އިތުރުން މި އެގްޒިބިޝަންގައި ބައިވެރިވާ ދަރިވަރުންނާއި އާންމު ފަރާތްތަކަށް ހާއްސަކޮށްގެން އިސްލާމީ މާލީ ނިޒާމާ ބެހޭ ދެ ކުއިޒެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި މި ކުއިޒުން ވަނަތަކަށް އަންނަ ފަރާތްތަކަށް ފައިސާގެ އިނާމާއި އެހެނިހެން އިނާމް ލިބޭނެއެވެ. މި އެގްޒިބިޝަނަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ އެއް ފަރާތަކަށް ކިންޑަލް އެއް ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އައިޔޫއެމުން ބުންޏެވެ.
ކުއްލިއްޔާ އޮފް މެނޭޖްމެންޓް އެންޑް އިކޮނަމިކް ސްޓަޑީޒް އެފްބީ ޕޭޖްގައި https://www.facebook.com/profile.php?id=100090669212225&mibextid=LQQJ4d ހިއްސާކޮށްފައިވާ ސުވާލަށް ރަނގަޅު ޖަވާބުދޭ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ކިންޑަލް އެއް ލިބޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު