ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މުވައްޒަފުންނަށް ދެމުން އަންނަ ހައްޖާއި އުމްރާގެ އަޅުކަމުގެ ފުރުސަތު، މިއަހަރުވެސް އެކުންފުނީގެ ހަތަރު މުވައްޒަފަކަށް ދީފިއެވެ.
އުމްރާގެ އަޅުކަމަށް ކުރިމަތިލީ މުވައްޒަފުންގެ ތެރެއިން ޝަރުތު ހަމަވެ، މިއަހަރު ފުރުސަތު ދިނީ ދެ މުވައްޒަފަކަށެވެ. އަދި ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ލިބުނީވެސް ދެ މުވައްޒަފަކަށެވެ. އެގޮތުން އުމްރާގެ އަޅުކަމަށް ފުރުސަތު ލިބުނީ އެކުންފުނީގައި ފަސް އަހަރު ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ ތެރެއިން އެކުންފުނީގެ ސާވިސް ސެންޓަރުގައި މަސައްކަތްކުރާ ޝާހުލް ހަމީދާއި ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ފާތިމަތު ރިޒްނާއެވެ.
ހައްޖުގެ އަޅުކަން އަދާކުރުމަށް ޝަރުތު ހަމަވަނީ އެކުންފުނީގައި 15 އަހަރު މަސައްކަތް ކޮށްފައިވާ މުވައްޒަފުންނެވެ. އެގޮތުން މިއަހަރު އެ ފުރުސަތު ލިބުނީ ޓްރާންސްމިޝަން، އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓުގައި މަސައްކަތްކުރާ އަބްދުﷲ ޝަރީފް އާއި ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ ހަދީޖާ ތައުފީގަށެވެ.
ސްޓެލްކޯއިން ބުނީ މިއަހަރުގެ ހައްޖާއި އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް (އަންހެން ފިރިހެން ވަކިން) ހުޅުވާލި ފުރުސަތަށް އެދި ހުށަހެޅި މުވައްޒަފުންގެ ތެރެއިން ޝަރުތު ފުރިހަމަވެފައިވަނީ ފިރިހެން 96 މުވައްޒަފުންނާއި އަންހެން 22 މުވައްޒަފުންނަށް ކަމަށެވެ. އަދި އުމުރާގެ އަޅުކަން އަދާކުރުމަށް އެދި ހުށަހެޅި މުވައްޒަފުންގެ ތެރެއިން ޝަރުތު ފުރިހަމަވެފައި ވަނީ ފިރިހެން 262 މުވައްޒަފުންނާއި އަންހެން 56 މުވައްޒަފުންނަށް ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.
މި މުވައްޒަފުންނަށް ލިޔުން ހަވާލު ކުރީ، އަންހެނުންގެ ދުވަހާއި ރަމަޟާން މަހުގެ ތަހުނިޔާ އަދާކުރުމަށް ރޭ ކުޑަގިރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ. އަދި މި ރަސްމިއްޔާތުގައި ސްޓެލްކޯގެ އެމްޑީ އަހުމަދު ޝަރީފުގެ އިތުރުން ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާނު މަހުމޫދާއި ސްޓެލްކޯގެ އިސް މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
ސްޓެލްކޯގެ ހަތަރު މުވައްޒަފަކަށް މިދިޔަ އަހަރުވެސް ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދީފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު