މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ފައިސާއާ ގުޅޭ 1400 އެއްހާ މައްސަލަ ހުށަހަޅާފައިވާ ކަމަށް އެ ބޭންކުން ބުނެފިއެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ރޭ ވިދާޅުވީ، އެފަދަ މައްސަލަތަކުގެ ތެރޭގައި ސޯޝަލް މީޑިއާގެ ޒަރީއާއިން ހިންގާ މުއާމަލާތެއްގެ ތެރެއިން ފައިސާއަށް މަކަރު ހަދައި އޮޅުވާލައިގެން އުޅޭ މައްސަލަތައްވެސް ހިމެނޭ ކަމަށެވެ.
ސައީދު ވިދާޅުވި ގޮތުގައި، އެފަދަ މައްސަލަތަކުގެ ތެރެއިން 30 ޕަސެންޓް މައްސަލަތަކަކީ ބޭރު ފައިސާއިން ހިންގާ މުއާމަލާތްތަކާ ގުޅިގެން ގެއްލޭ ފައިސާ ކަމަށެވެ.
"މިސާލަކަށް ޑޮލަރު ފޮނުވާފައި ދިވެހި ރުފިޔާ ނުލިބިގެން އަދި ދިވެހި ރުފިޔާ ފޮނުވާފައި ޑޮލަރު ނުލިބިގެން މި ގޮތަށް އަޅުގަނޑުމެންނަށް މައްސަލަތައް ހުށަހެޅޭ. މިގޮތަށް ބަލާއިރު ގާތްގަނޑަކަށް 300 އެއްހާ މައްސަލަ މިދިޔަ އަހަރު ތެރޭގައި ވެސް ހުށަހަޅާފައިވޭ" ސައީދު ވިދާޅުވިއެވެ.
ސައީދު އިތުރަށް ވިދާޅުވީ، ބޭރުގެ އެކައުންޓުތަކަށް ހަދާ ޓްރާންސެކްޝަންތަކުގެ މައުލޫމާތު ހޯދައި ސްކޭމަރުން އެ ބޭންކްގެ ކަސްޓަމަރުންގެ އެކައުންޓުތަކުން ފައިސާ ކަނޑާކަމަށެވެ.
ބީއެމްއެލްގެ އެކައުންޓަކުން ފައިސާ ގެއްލޭ މައްސަލަތައް ހައްލުކުރަން، އެ ބޭންކުން ވަނީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. އެގޮތުން ސްކޭން ކުރާއިރު އޯޓީޕީ އަންނަ ގޮތަށް ބަދަލުކުރުމާއި ފައިސާގެ މުއާމަލާތެއް ކުރުމުން ފޯނަށް މެސެޖެއް އައުން ފަދަ ކަންކަން ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު