ޖަރުމަނު ވިލާތުގެ ބާލިންގައި ކުރިއަށް ގެންދާ އިންޓަނޭޝަނަލް ޓުއަރިޒަމް ޓްރޭޑް (އައިޓީބީ) ފެއާގައި ބައިވެރިވުމަށް ދިވެހި ސަގާފީ ގުރޫޕު މިއަދު ޖަރުމަނަށް ފުރައިފިއެވެ.

ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މި ފެއާގައި މިފަހަރު ރާއްޖެ ތަމްސީލުކުރަނީ ދިވެހި ސަގާފީ ގުރޫޕެއް ކަމަށްވާ ޕްރޮފެޝަނަލް ނަށާ ގުރޫޕް ޑައިނިސިއެކްގެ ނެށުންތެރިންނާއި މާސްޓަޝެފް މަހާ ނަސީރު އަދި އިތުރު ދިވެހި ދެ އަންހެން ޝެފުންނެވެ.

މީގެ އިތުރުން މިފަހަރުގެ ފެއާގައި ރާއްޖެ ތަމްސީލުކުރުމަށް ރާއްޖޭގެ ސްޓޯލްގައި ސަގާފީ ގްރޫޕުގެ ނެށުންތެރިން ދިވެހި ލަވަތަކައް ނެށުމަށް ވަނީ ހަމަޖެހިފައެވެ. ދިވެހި ޝެފުންގެ ޓީމުން ވަނީ ޒިޔާރަތްކުރާ އެކި ފަރާތްތަކަށް ދިވެހި ކާބޯތަކެތި ތައްޔާރުކުރާ ގޮތް ލައިވް ސްޓޭޝަންގައި ދައްކައިލުމަށް ހަމަޖައްސައިފައެވެ.

މިފަހަރުގެ ފެއާގައި ރާއްޖެ ތަމްސީލުކުރާ ކުންފުނިތަކުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ހޮޓާތަކާއި ޓޫރިސްޓް ބޯޑުތަކާއި ޓުއާ އޮޕަރޭޓަރުން ހިމެނެ އެވެ. އަދި މީގެއިތުރުން މި ފެއާގައި އެމްއެމްޕީއާރްސީން ބަހައްޓާ ވިޒިޓް މޯލްޑިވްސްގެ ސްޓޯލްގައި ފަތުރުވެރިކަމާ ބެހޭ 82 ކުންފުންޏަކުން ބައިވެރިވެއެވެ.

ކޮންމެ އަހަރަކު ބާއްވާ "އައިޓީބީ ބާރލިން" ފެއާ އަކީ ދުނިޔޭގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއާއެވެ.