ކޮވިޑް-19ގެ ފަރުވާއަށް ދުބާއީގެ އެގްޒެކިއުޓާސްއާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގަންނަން ކުރި މަސައްކަތުގެ ތެރެއިން ހިންގާފައިވާ ހިޔާނާތުގެ މައްސަލައިގައި، ފިނޭންސް މިނިސްޓްރީން އުސޫލާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ވެންޓިލޭޓަރު ހިޔާނާތާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މެންބަރު އަފީފު މިނިސްޓަރާ ސުވާލުކުރެއްވީ، ކޮވިޑުގެ ބަލިމަޑުކަމުގެ ދުވަސްވަރު ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ހޯދުމުގެ ނަމުގައި، ދައުލަތުގެ މާލިއްޔަތަށް ޒިންމާވާންޖެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ މާލިއްޔަތުގެ ގަަވާއިދުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް، ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް 31 މިލިއަން ރުފިޔާ ދޫކުރީ ކީއްވެތޯ އޮޅުންފިލުވުމަށެވެ.

އަދި އެ ފައިސާ މިނިސްޓަރު އަމީރުގެ ހުއްދަނެތި ދޫކޮށްފައިވާ ނަމަ، އެކަން ކުރި މިނިސްޓްރީގެ މުވައްޒަފަށް އަޅާފައިވާ ފިޔަވަޅަކީ ކޮބައިތޯވެސް އަފީފު ސުވާލުކުރެއްވިއެވެ.

އެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، ދައުލަތުގެ ކަންކަމަށް ފާރަވެރިވުމުގެ މެންޓޭޑް ހަވާލުކޮށްފައިވާ މުއައްސަސާތަކުން ވެންޓިލޭޓަރުގެ ޕްރޮކިއުމެންޓް ހިންގާފައިވާ ގޮތް ބަލައި އެ ފަރާތްތަކުން ނެރެފައިވާ ރިޕޯޓުތަކަށް ބަލާއިރު، ގާނޫނާއި ގަވާއިދާ ހިލާފަށް އަދި ކަނޑައެޅިފައިވާ އުސޫލާ ހިލާފަށް ފިނޭންސް މިނިސްޓްރީން އެއްވެސް ކަމެއް ކޮށްފައިވާ ކަމަށް ބަޔާންކޮށްފައިނުވާ ކަމަށެވެ.

ނަމަވެސް ޕްރޮކިއުމެންޓްގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް އޭސީސީން އަންގަވާފައިވާތީ، އެ ކަންކަން މިހާރު އިތުރަށް ފުރިހަމަކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ހެލްތް މިނިސްޓްރީގެ އޮޑިޓް ރިވިއު ކުރި އިރު، ވެންޓިލޭޓަރު މައްސަލައާ ގުޅިގެން އަމަލުކޮށްފައިވާ ގޮތާ ބެހޭ ފުރިހަމަ މައުލޫމާތު 27 އޯގަސްޓް 2022ގައި މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ހާޒިރުވެ، ދީފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ވެންޓިލޭޓަރު މައްސަލައިގެ ތަހުގީގަށްފަހު، ތަހުގީގީ އެއްވެސް އިދާރާއަކުން ފިނޭންސް މިނިސްޓްރީގެ އެއްވެސް މުވައްޒަފަކާމެދު ފިޔަވަޅު އަޅަން އަންގާފައިނުވާ ކަމަށެވެ. ނަމަވެސް ޕްރޮކިއުމެންޓް ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް އިދާރާތަކުން ދީފައިވާ ލަފަޔަށް ބިނާކޮށް ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ފިޔަވަޅުތައް އަޅާފައިވާނެ ކަމަށް ވިދާޅުވިއެވެ.

"އެގޮތުން ޕްރޮކިއުމެންޓް ނިޒާމް ހަރުދަނާ ކުރުމާއި ކޮވިޑް-19 އާ ގުޅިގެން ހިންގާ ޕްރޮކިއުމެންޓް ކަންތައްތަކުގައި ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާގުޅޭ ސާކިއުލާއެއް މިނިސްޓްރީގެ ފަރާތުން ނެރެފައިވާނެ، މި ސާކިއުލާގައި ކޮވިޑް-19ގެ ހާލަތުގައިވެސް މުދަލެއް ނުވަތަ ހިދުމަތެއް ހޯދުމުގެ ކުރިން ކޮންމެހެން ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރު ކުރުމަށާއި ޕްރޮކިއުމެންޓް ހިންގުމަށްފަހު ރިޕޯޓުކޮށް މައުލޫމާތު ހިއްސާކުރުމާބެހޭ ކަންކަން ބަޔާންކޮށްފައިވާނެ،" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ކޮވިޑް-19 ފަދަ ހާލަތުގައި މިނިސްޓަރަށް ލިބޭ އިހުތިޔާރުތަކާއި ގާނޫނީ ހައިސިއްޔަތު އިތުރަށް ސާފުކުރުމުގެ ގޮތުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް އިސްލާހުތަކެއް ގެނަސްފައިވާނެ ކަމަށެވެ.