އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދިޔަ ސްޓެމް ފެއާ 2023 ގެ އެންމެ މޮޅު ސްކޫލުގެ މަގާމު އިސްކަންދަރު ސްކޫލުން ހޯދައިފިއެވެ.

އުރީދޫން މިއަދު ބުނީ އިއްޒުއްދީން ސްކޫލް ހޯލުގައި ބޭއްވި މި ހަރަކާތުގެ ސަބަބުން ޒުވާން ވިސްނުންތެރިންނަށް އެމީހުންގެ ސްއަންސް، ޓެކްނޮލޮޖީ، އިންޖެނިއަރިންގް އަދި މެތެމެޓިކްސް މާއްދާތަކުން އީޖާދީ ހައްލުތައް ދައްކާލައި ވާދަކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށެވެ.

މިއަދު ބޭއްވުނު އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ބައިވެރިންގެ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ އަގު ވަޒަންކޮށް، ޖޫނިއާ، ސީނިއާ އަދި ނޮވިސް ކެޓަގަރީން އެއްވަނަ، ދެވަނަ އަދި ތިން ވަނައަށް ހޮވުނު ފަރާތްތަކަށް ރިބަން ދީފައިވެއެވެ.

އޯވަރަލް ބެސްޓް ސްކޫލްގެ ގޮތުގައި އިސްކަންދަރު ސްކޫލަށް 50،000 ރުފިޔާ ލިބުނު އިރު، ކޮންމެ ކެޓަގަރީއަކުން އެއްވަނަ އަށް ދާ ޕްރޮޖެކްޓް ހުށަހަޅާފައިވާ ސްކޫލަށް 10،000 ރުފިޔާ ވަނީ ދީފައެވެ. މީގެ އިތުރުން ހުރިހާ ބައިވެރިންނަށް ވެސް ވަނީ ބައިވެރިވުމުގެ ސެޓްފިކެޓް ދީފައެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ، ސްޓެމް ފެއާގެ ސަބަބުން މުސްތަގުބަލުގެ ލީޑަރުންގެ ގާބިލްކަން ފެނިގެން ގޮސްފައިވާ ކަމަށެވެ.

"އަދި މި ގޮތުގައި މި ދާއިރާތަކުން ދަރިވަރުން ބިނާ ކުރެވިއްޖެނަމަ، ރާއްޖޭގެ ޑިޖިޓަލް ހިދުމަތްތައް އެހެން ގައުމުތަކާ އެއް ހަމައެއްގައި ކުރިއަރެމުގެ ފުރުސަތު ބޮޑުވެގެންދާނެ" ނިޔާޒް ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، ކުދިންގެ މެދުގައި ސްޓެމް ތައުލީމު ކުރިއަރުވައި، މި ދާއިރާތަކުން އެކުދިންގެ ހުނަރާއި ޝައުގުވެރިކަން ކުރިއެރުވުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.

ނޮވިސް ކެޓަގަރީން (ގްރޭޑް 4 އިން 6 އަށް) އެއްވަނަ ހޯދީ އިސްކަންދަރު ސްކޫލުގެ އިކޯ ފާމް ޕްރޮޖެކްޓްއެވެ. ދެވަނަ އަށް އިސްކަންދަރު ސްކޫލުގެ ވޭސްޓް ޓު އިލެކްޓްރިސިޓީ ޕްރޮޖެކްޓް އާއި މަޖީދިއްޔާ ސްކޫލުގެ ބައިސްކަލް އޮޕަރޭޓް ކުރާ ވެންޑިން މެޝިން ޕްރޮޖެކްޓާއި ގިޔާސުއްދީން ސްކޫލުގެ ސޯލާ ޑީހައިޑްރޭޓް ޕްރޮޖެކްޓް ހޮވުނު އިރު، ތިން ވަނައަށް ހޮވުނީ އިސްކަންދަރު ސްކޫލުގެ އެއާ ޕޮލިއުޝަން ޑިޓެކްޓާ ޕްރޮޖެކްޓެވެ.

ޖޫނިއާ ކެޓަގަރީ (ގްރޭޑް 7 އިން 8 އަށް) އެއްވަނަ ގިޔާސުއްދީން ސްކޫލްގެ ވޭވް ބެރިއާ ޕްރޮޖެކްޓަށް ލިބުނު އިރު، ދެވަނަ ލިބުނީ އިސްކަންދަރު ސްކޫލްގެ އޮއި ވާށި ޕްރޮޖެކްޓަށެވެ. އަދި ތިން ވަނަ ލިބުނީ ކަލާފާނު ސްކޫލުގެ މޮޑަނައިޒްޑް ޒެބްރާ ކްރޮސިން ޕްރޮޖެކްޓާއި ގިޔާސުއްދީން ސްކޫލުގެ ވޭވް އެނާޖީ ބޯއީ ޕްރޮޖެކްޓަށެވެ.

ސީނިއާ ކެޓަގަރީ (ގްރޭޑް 9 އިން 10 އަށް) އެއް ވަނަ އިސްކަންދަރު ސްކޫލުގެ އެކުއަޕޮނިކްސް ޕްރޮޖެކްޓަށް ލިބުނު އިރު، ދެވަނައަށް ހޮވުނީ އިސްކަންދަރު ސްކޫލުގެ މަންފާ ޕްރޮޖެކްޓާއި ކަލާފާނު ސްކޫލުގެ އިލެކްޓްރިސިޓީ ބައި ފްލައިވީލް ޕްރޮޖެކްޓެވެ. ތިން ވަނަ އަށް ހޮވުނީ މަޖީދިއްޔާ ސްކޫލުގެ ކޮކޮނަޓް ސައިންސް ޕްރޮޖެކްޓެވެ.