ކުރިއަށްއޮތް ރޯދަމަހަށް ހާއްސަކޮށްގެން ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) އިން ގެންނަ ފިޔާ އަދި އަލުވި ހުސްނުވާނެކަމުގެ ޔަގީންކަމާއެކު އެ ތަކެތީގެ އަގު ތިރިކޮށްފިއެވެ.

އެސްޓީއޯއިން މިއަދު ބުނީ އެ ކުންފުނިން ފިޔާ ކިލޯއެއް ވިއްކާނީ ނުވަ ރުފިޔާއަށް، އަލުވި ކިލޯއެއް އެގާރަ ރުފިޔާއަށް އަދި ބިހެއް ވިއްކާނީ 1.75 ރުފިޔާއަށް ކަމަށެވެ. މިއީ މިދިޔަ އަހަރުގެ ރޯދާ މަހު އެތަކެތި ވިއްކި އަގަށްވުރެ ދަށް އަގެއް ކަމަށް އެސްޓީއޯއިން ބުންޏެވެ.

މިދިޔަ އަހަރުގެ ރޯދަ މަހު އެސްޓީއޯއިން ފިޔާ ކިލޯއެއް ވިއްކީ 14 ރުފިޔާއަށެވެ. އަދި އަލުވި ކިލޯއެއް 13 ރުފިޔާއަށެވެ.

އެސްޓީއޯ އިން ބުނީ ފިޔާ، އަލުވި އަދި ބިހުގެ ޑިމާންޑަށް ބަލައި މިއަހަރުގެ ރޯދަމަހަށް ހަ ޝިޕްމެންޓެއް ގެންނަން ހަމަޖެހިފައިވާ ކަމަށާއި އޭގެ ތެރެއިން ފުރަތަމަ ޝިޕްމެންޓް މިދިޔަ ހޯމަ ދުވަހު ލިބިފައިވާ ކަމަށެވެ. އަދި މިހާރު އެސްޓީއޯގެ ޕީޕަލް ޗޮއިސްއާއި ހޯލްސޭލް ސެންޓަރުން އެތަކެތި ވިއްކަމުންދާ ކަމަށެވެ.

އަތޮޅުތެރޭގައި ގާއިމުކޮށްފައިވާ އެ ކުންފުނީގެ 11 ފިހާރައަކަށް ފިޔާ، އަލުވި އަދި ބިސް ފޮނުވާނެ ކަމަށެވެ. ރޯދަމަހަށް ބޭނުންވާ އެހެން ޒަރޫރީ ބާވަތްތައްވެސް ގެންނާނެ ކަމަށާއި އެ މުދާތައްވެސް ހުސްވިޔަ ނުދީ ހިފަހައްޓާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

"މާކެޓުގައި ޒަރޫރީ ބޭނުމަށް ބޭނުންވާ ވަކި މުދަލެއްގެ އަގު މަތިވެގެން އަންނަނަމަ އެސްޓީއޯއިން އިންޓަވީން ކުރާނެ. އަދި އަގު ކޮންޓްރޯލުކުރުމަށް މަސައްކަތްވެސް ކުރާނެ،" އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯ އިން ބުނީ ހޯލްސޭލްކޮށް މުދާ ދޫކުރަން ހަމަޖެހިފައިވަނީ ދެ ސަރަހައްދަކުން ކަމަށާއި އެއީ އެސްޓީއޯ ހޯލްސޭލް ސެންޓަރާއި އެސްޓީއޯ އިންޑަސްޓްރިއަލް ވިލެޖުން ކަމަށެވެ.

އެސްޓީއޯ އިންޑަސްޓްރިއަލް ވިލެޖުން މުދާ ދޫކުރަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެންނެވެ. އަދި ހުޅުމާލޭގައި ހުޅުވާ ރޯދަ މާޓުގެ ހިދުމަތް މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ދިނުމަށް ހަމަޖެހިފައިވެއެވެ.