ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުން ފިރިހެން މެންބަރުން ނެރުމަށް ފިރިހެން އޮފިސަރުން ހަމަޖެއްސުމަށް މަޖިލީހުގެ ގަވާއިދު އިސްލާހުކުރަން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި ގަރާރުގެ ބަހުސް ފަށައިފިއެވެ.
މަޖިލީހުގެ ގަވާއިދު ބަދަލުކުރަން ރޮޒައިނާ ހުށަހެޅުއްވީ، މަޖިލީހުގެ މާލަމުން ފިރިހެން މެންބަރުން ނެރުމަށް ފިރިހެން އިންޓާނަލް ސެކިއުރިޓީ އޮފިސަރުން ހަރަކާތްތެރިވުމަށާއި އަންހެން މެންބަރުން ނެރުމަށް އަންހެން އިންޓާނަލް ސެކިއުރިޓީ އޮފިސަރުން ހަރަކާތްތެރިވާ ގޮތަށެވެ.
މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަން ހުށަހެޅީ މަޖިލިސް މިއަހަރަށް ހުޅުވަން ބޭއްވި ޖަލްސާގައި އިދިކޮޅު ފިރިހެން ދެ މެންބަރެއްގެ ނަން އިއްވައި ނުކުތުމަށް އެންގުމުންވެސް ނުނިކުމެގެން، އަންހެން ސެކިއުރިޓީ އޮފިސަރުން ލައްވައި އެމީހުން ނެރެން މަސައްކަތް ކުރުމާ ގުޅިގެން، އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެންނެވެ.
އެ ޖަލްސާގައި އިދިކޮޅު ޕީޕީއެމްގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ޗެމްބަރުން ނެރުމުގައި ހަރަކާތްތެރިވީ އަންހެން ސެކިއުރިޓީ އޮފިސަރުންނެވެ.
ގަރާރުގައި ރޮޒައިނާ ވިދާޅުވެފައިވަނީ ފުލުހުންނާއި ކަސްޓަމްސް އަދި އިމިގްރޭޝަން ފަދަ ތަންތަނުގައި އަންހެނުން ބަލައި ފާސްކުރުމުގައި ހަރަކާތްތެރިވަނީ އަންހެން އޮފިސަރުން ކަމަށާއި ފިރިހެނުން ބަލައިފާސްކުރުމަށް ހަރަކާތްތެރިވަނީ ފިރިހެން އޮފިސަރުން ކަމަށެވެ.
ރޮޒެއިނާ ވިދާޅުވީ، މަޖިލިސް ގަވާއިދު ބަދަލުކުރަން ހުށަހެޅީ، މަޖިލިސް މިއަހަރަށް ހުޅުވި ޖަލްސާގައި ހިނގި ކަންތައްތައް މުސްތަގުބަލުގައި ތަކުރާރުވިޔަ ނުދިނުމަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު