ސަރަހައްދީ ފުދުންތެރިިކަމުގެ ދުވެލި ހަލުވި ކުރުމަށްޓަކައި ރާއްޖޭގައި ގާއިމު ކޮށްފައިވާ ސަރަހައްދީ ބަނދަރުތަކުގެ ބޭނުން މިހާރަށްވުރެ ބޮޑަށް ކުރެވޭނެ ގޮތްތައް ހޯދައި އެ މަސައްކަތް ހަލުވި ކުރުމަށް ސަރުކާރަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ގަރާރު ހުށަހަޅުއްވަމުން މެންބަރު ޔާސިރު ވިދާޅުވީ، މާލޭ ކޮމާޝަލް ޕޯޓަށް އޮތް ބާރު ކުޑަ ކުރުމަށާއި ރާއްޖޭގެ ކަންކޮޅުތަކަށް އިގްތިސާދީ މަންފާ ބެހިގެންދާނެ ގޮތް ހެދުމަށް، ދެ ސަރައްދުގައި ކަނޑުގެ ބަނދަރު މިހާރުވެސް ގާއިމުކޮށްފައިވާ ކަމަށެވެ.

އޭގެ ތެރެއިން ހިތަދޫ ރީޖަނަލް ޕޯޓުގެ އޮޕަރޭޝަން 2009 ވަނަ އަހަރުގެ ޖުލައި މަހުގައި ފަށާފައިވާއިރު، ކުޅުދުއްފުށީ ރީޖަނަލް ޕޯޓުގެ އޮޕަރޭޝަން ފަށާފައި ވަނީ 2005 ވަނަ އަހަރުގެ ޑިސެމްބަރުމަހުގައެވެ.

އެ ބަނދަރުތަކަށް އަންނަ މުދަލުގެ އިމްޕޯޓު ޑިއުޓީ 50 ޕަސެންޓް މައާފު ކުރި ނަމަވެސް، އެތަންތަނަށް ގެންނަން ޖެހޭ އުމްރާނީ ކުރިއެރުން، ފާއިތުވި މުއްދަތުގައި ގެނެވިފައި ނުވުމާއި ޕޯޓުތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމު ކުރުމުގައި ދަތިތައް ދިމާވެ، އެ ބަނދަރުތަކުގެ އެންމެ ފުރިހަމަ ބޭނުން ހިފެމުން ނުދާކަމަށް ވެސް ޔާސިރު ވިދާޅުވިއެވެ.

އެހެންކަމުން ސަރަހައްދީ ބަނދަރުތަކުގެ ހިދުމަތް ހޯދުމަށް ވިޔަފާރިވެރިންނަށް ދިމާވާ ދަތިތައް ދެނެގަތުމަށާއި، ވިޔަފާރިތައް ސަރަހައްދުތަކަށް ބެހިގެންދާނޭ ގޮތްތައް ދެނެގަތުމަށާއި، ބަނދަރުތައް ހިންގުމުގައި ގުޅުންހުރި އިދާރާތަކަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، ބަނދަރުތަކުގެ ތަރައްގީގެ ދިގު ރާސްތާ ޕްލޭން ތަކާއި މަަސައްކަތް ދާގޮތް ދެނެގަނެ، މިހާރު ކުރެވެމުންދާ މަސައްކަތްތަކާއި މިހާރުން މިހާރަށް ކުރެވޭނެ ކަންކަން ދެނެގަނެ، އަދި ރާއްޖޭގައި ގާއިމް ކޮށްފައިވާ ސަރަހައްދީ ބަނދަރުތަކުގެ ބޭނުން މިހާރަށްވުރެން ބޮޑަށް ކުރެވޭނެ ގޮތްތައް ހޯދައި، ސަރަހައްދީ އިގްތިސާދު ހަލުވި ކުރުމަށް ބަނދަރުތަކުގެ ބޭނުން ހިފޭނެ ގޮތް ހެދުމަށް މި ގަރާރުގައި ވަނީ ގޮވާލައިފައެވެ.