ތ. ބުރުނީގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ތެރެއިން އެކްސްކަވޭޓަރަކުން ރުއްތަކެއް ނެގުމުގެ ތެރެއިން، ވެއްޓުނު ރުކަކުން ޖެހި އެކަކު މަރުވެ އިތުރު ތިން މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.
ފުލުހުން ދެންމެ ބުނީ ބުރުނީގައި ރުކެއް ވައްޓާލައި، އެރުށް ފުރޮޅަން އުޅުމުގެ ތެރޭގައި ހަތަރު މީހަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު މިއަދު ހަވީރު 4:44 ހާއިރު ލިބިފައިވާ ކަމަށެވެ. އެ ހާދިސާގައި އަނިޔާވި ހަތަރު މީހުންނަށް ބުރުނީ ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު، އިތުރު ފަރުވާއަށް ދ. ކުޑަހުވާދޫގައި ހުންނަ އެއަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
އަނިޔާވި ހަތަރު މީހުންގެ ތެރެއިން އެކަކު މަރުވެފައިވާ ކަމަށާއި އަނެއް ތިން މީހުންނަށްވެސް މިހާރު ފަރުވާ ދެމުންދާ ކަމަށެވެ. އޭގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މަރުވި މީހާގެ ހަށިގަނޑާއި އަނިޔާވި ތިން މީހުން މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ފުލުހުން އަންނަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ބުރުނީން "ވަން" އަށް މައުލޫމާތު ދިން މީހަކު ބުނީ އެ ހާދިސާގައި ހިނގާފައިވަނީ މިއަދު 4:40 އެހާކަންހާއިރު ކަމަށާއި އެ ހާދިސާގައި މަރުވެފައިވަނީ އިންޑިއާ މީހެއް ކަމަށެވެ. އަދި އަނިޔާވި އިތުރު ތިން މީހުންނަކީވެސް އިންޑިއާ މީހުން ކަމަށް އޭނާ ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު