ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި މީހަކު ހުޅުވާފައި އޮތް އެކައުންޓަކުން، އެއް މިލިއަން ރުފިޔާ ގެއްލުނު ކަމަށް ބުނާ ވާހަކަ އެ ބޭންކުން ދޮގުކޮށްފިއެވެ.

ރާއްޖޭގެ އޮންލައިން ނޫހެއްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ރާއްޖެއިން ބޭރުގައި ހުރި ދިވެހި ވިޔަފާރިވެރިޔަކު އެކައުންޓުން އެއްމިލިއަން ރުފިޔާގެ ސްކޭމެއް ހިންގައި އެކައުންޓް ހުސްކޮށްލީ އެތައް ބައެއްގެ އެކައުންޓަށް ބޮޑެތި އަދަދުތަކުން ޓްރާންސްފާކޮށްގެންނެވެ. އަދި މާލޭގެ ގިނަ ފިހާރަތަކަކުން ވިޔަފާރިކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އެ މައްސަލަ ފުލުހަށް ހުށަހަޅައިފައިވާ ކަމަށްވެސް އެ ނޫހުން ރިޕޯޓްކޮށްފައިވެއެވެ.

އެ ހަބަރާ ގުޅިގެން ބީއެމްއެލްއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، އެ ނޫހުގައި ޝާއިއު ކުރި ހަބަރަކީ ދޮގު ހަބަރެއް ކަމަށާއި އެ ބޭންކުން އެދެނީ މީޑިއާއިން ޒިންމާދާރުކަމާއެކު ހަބަރު ގެނެސްދިނުން ކަމަށެވެ.

ބީއެމްއެލްގައި މީހަކު ހުޅުވި އެކައުންޓަކުން އެއް މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް ތުހުމަތުކުރާއިރު ބީއެމްއެލުން ވަނީ، އެ ބޭންކުގެ ފަރާތުން ކަސްޓަމަރެއްގެ އެއްވެސް ޒާތީ މައުލޫމާތެއް އަދި ކާޑުގެ މައުލޫމާތެއްވެސް އާއްމުވެފައި ނުވާނެ ކަމަށް ބުނެފައެވެ.