އައްޑޫ ނާސް ޝާކް (ނިދަން މިޔަރު) ސެންކްޗުއަރީގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުގައި މަސްވެރިކަން ކުރުން އައްޑޫ ސިޓީ ކައުންސިލުން މަނާކޮށްފިއެވެ.

އައްޑޫގެ މޭޔަރު އަލީ ނިޒާރު ސޮއިކުރައްވައި ނެރުއްވި އިއުލާނެއްގައި ބުނީ "އައްޑޫ ނާސް ޝާކް ސެންކްޗުއަރީ" ގެ ގޮތުގައި ކައުންސިލުން ކަނޑައަޅާފައިވާ ސަރަހައްދުން ފެށިގެން 100 ފޫޓްގެ ރޭޑިއަސްގެ ތެރޭގައި ހިމެނޭ ސަރަހައްދަކީ ނިދަން މިޔަރު އާލާކުރުމުރުމުގެ މަސައްކަތް ކުރުމަށް ހިމާޔަތްކުރަން ނިންމާފައިވާ ސަރަހައްދެއް ކަމުން އެ ސަރަހައްދުގައި މަސްވެރިކަން ކުރުމަކީ މަނާ ކަމެއް ކަމަށެވެ.

އެ ސަރަހައްދު ހިމާޔަތްކޮށް ނާސް ޝާކް ސެންކްޗްރީއެއް ހެދުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އައްޑޫ ސިޓީ ކައުންސިލަށް ހުށަހެޅުއްވީ މީދޫ ކައުންސިލަރު އާމިނަތު ސާލިހާއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ، ނާސް ޝާކް (ނިދަން މިޔަރު) ސެންކްޗުއަރީގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދު ހިމާޔަތްކޮށް މަސްވެރިކަން ކުރުން މަނާކުރީ، ދެކުނުގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް އެކަށީގެންވާ ސަރަހައްދަކަށް ވާތީ ކަމަށެވެ.

އައްޑޫ ނާސް ޝާކް (ނިދަން މިޔަރު) ސެންކްޗުއަރީގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދަކީ އައްޑޫގެ އެތެރެވަރި ނިމޭ ހިސާބުގައި އޮންނަ ސަރަހައްދެކެވެ.