ރޯދަމަހަށް ހާއްސަކޮށްގެން ގެންނަ ފިޔާ، އަލުވި އަދި ބިހުގެ ސްޓޮކް އަންނަ މަހުގެ ކުރީކޮޅު ލިބޭނެ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.

އެސްޓީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރޯދަމަހުގައި ތަކެތީގެ އަގުބޮޑުވެ މުދާ ލިބުމުގައި ދަތިތަކެއް ކުރިމަތިވާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި މިއަހަރުގެ ރޯދަމަސް ކައިރިވެފައިވާ އިރު، އެ ކުންފުންޏަށް އެންމެ ގިނައިން ލިބެމުން އަންނަ ޝަކުވާއަކީ ފިޔާ، އަލުވި އަދި ބިސް ފަދަ ތެކެތީގައި އަގުތައް މަތިވެދާނެކަމުގެ ޝަކުވާ ކަމަށެވެ.

ނަމަވެސް އަގުތައް ހިފެހެއްޓުމުގެ ގޮތުން ފިޔާ، އަލުވި، އަދި ބިހުގެ ސްޓޮކް ހުސްވިޔަ ނުދީ ހިފަހައްޓާނެކަމަށް އެސްޓީއޯއިން ބުންޏެވެ.

ފިޔާ، އަލުވި އަދި ބިހަށް އޮންނަ ޑިމާންޑް ރޯދަމަހު އިތުރުވާތީ އެސްޓީއޯއިން ކޮންމެ ރޯދަމަހަކަށް ހާއްސަކޮށްގެން އެ ތިން ބާވަތުން ސްޓޮކް އެތެރެކުރެއެވެ. އެގޮތަށް ގެންނަ ސްޓޮކްތައް އެސްޓީއޯއިން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށްވެސް ވިއްކައެވެ.