ރާއްޖޭގެ ޓޫރިޒަމަށް ހާއްސަ ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަންގެ މަގާމަށް އަނެއްކާވެސް ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އިންތިހާބުކޮށްފިއެވެ.
މަޓީގެ ޗެއާމަނަކަށް އެމްޔޫ މަނިކު އިންތިހާބުކުރީ ކުރުނބާ މޯލްޑިވްސްގައި މިއަދު ބޭއްވި މަޓީގެ 33 ވަނަ އަހަރީ އާންމު ޖަލްސާގައެވެ. މަޓީގެ ޗެއާމަންގެ މަގާމު، އެމްޔޫ މަނިކު އަދާކުރައްވާތާ މިހާރު ވަނީ 30 އަހަރަށްވުރެ ގިނަ ދުވަސް ވެފައެވެ.
މިއަދު ބޭއްވި މަޓީގެ ބައްދަލުވުމުގައި އެ ޖަމިއްޔާގެ 96 މެމްބަރުން ވަނީ ބައިވެރިވެފައެވެ. އެ ބައްދަލުވުމުގައި މަޓީގެ އާ ހިންގާ ކޮމިޓީއަށް ވަނީ 17 މެމްބަރަކު އިންތިހާބުކޮށްފައެވެ.
ޖަމިއްޔާގެ ވައިސް ޗެއާމަނަކަށް ކުރިން ވެސް އެ މަގާމުގައި ހުންނެވި ޗަމްޕާ ހުސައިން އަފީފް އިންތިހާބުކުރި އިރު، ވޮޔޭޖަސް މޯލްޑިވްސްގެ ސަލާހު ޝިހާބު ހޮވި އިރު ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ހޮވީ ކްރައުން ކޮމްޕެނީގެ ޗެއާމަން އަހުމަދު ނަޒީރެވެ. އަދި ފައިނޭޝަލް ކޮންޓްރޯލަރަކަށް ލިލީ ހޮޓެލްސްގެ އަހުމަދު ހަފީޒު ހޮވިއިރު ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލަކަށް ހޮވީ ޑްރިފްޓްވުޑް މޯލްޑިވްސްގެ އައްސަދު އަލީ އެވެ. މިއީ މި މަގާމުތަކުގައި ކުރިން ވެސް ތިއްބެވި ބޭފުޅުންނެވެ.
- މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) - ޗެއާމަން
- ހުސެއިން އަފީފު (ޗަމްޕާ އަފީފު) - ވައިސް ޗެއާމަން
- ސަލާހް ޝިހާބު - ވައިސް ޗެއާމަން
- އަހުމަދު ހާފިޒް - ފައިނޭންޝަލް ކޮންޓްރޯލަރު
- އަހުމަދު ނަޒީރު - ސެކްރެޓަރީ ޖެނެރަލް
- އަސަދު އަލީ - ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް
- އަހުމަދު ސިޔާމް މުހައްމަދު - އެގްޒެކެޓިވް ބޯޑް މެމްބަރު
- އިބްރާހިމް ސިޔާދު ގާސިމް - އެގްޒެކެޓިވް ބޯޑް މެމްބަރު
- އިބްރާހީމް ނޫރައްދީން - އެގްޒެކެޓިވް ބޯޑް މެމްބަރު
- އިޔާޒް ވަހީދު - އެގްޒެކެޓިވް ބޯޑް މެމްބަރު
- އައިޝަތު ވިޝާ މާހިރު - އެގްޒެކެޓިވް ބޯޑް މެމްބަރު
- އިސްމާއީލް ސިޔާން ގާސިމް - އެގްޒެކެޓިވް ބޯޑް މެމްބަރު
- އައިޝަތު ނީނާ އަހުމަދު - އެގްޒެކެޓިވް ބޯޑް މެމްބަރު
- ޒުލައިހާ މަނިކު - އެގްޒެކެޓިވް ބޯޑް މެމްބަރު
- މަހްޖޫބް ޝުޖާއު - އެގްޒެކެޓިވް ބޯޑް މެމްބަރު
- ސަލިލް ޕަނިގްރާހި - އެގްޒެކެޓިވް ބޯޑް މެމްބަރު
- ރިވެރޯ ޑެލްގާޑޯ - އެގްޒެކެޓިވް ބޯޑް މެމްބަރު
މަޓީގެ ޗާޓަށް ގެނައި ބަދަލާއެކު އެ ޖަމިއްޔާގެ ހިންގާ ކޮމިޓީ މެމްބަރުންގެ ދައުރު ވަނީ އެއް އަހަރުން ތިން އަހަރަށް އިތުރުކޮށްފައެވެ. މަޓީގެ ހިންގާ ކޮމިޓީއަށް މިއަދު އިންތިހާބުކުރި ބޭފުޅުންގެ ދައުރު ހަމަވާނީ 2026 ވަނަ އަހަރުއެވެ.
މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމާ ގުޅިގެން މަޓީން ނެރުނު ދެ ފޮތް ވެސް މިއަދުގެ ޖަލްސާގައި ވަނީ ލޯންޗުކޮށްފައެވެ. އެ ދެ ފޮތް ލޯންޗުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް، މަޓީގެ ޗެއާމަން އެމްޔޫ މަނިކު، ހެލެތު މިނިސްޓަރު އަހުމަދު ނަސީމް، މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދުގެ އިތުރުން ދެ ފޮތުގެ ލިޔުންތެރިން ކަމަށްވާ މައުރޫފް ޖަމީލާއި ޑރ. ސިމާދު ސައީދެވެ.
މިއަދު ނެރުނު ދެ ފޮތަކީ ވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މި ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ތަރައްގީވެ ބަދަލުވެގެން އައި ގޮތުގެ ވާހަކައަށް ބިނާކޮށް ލިޔެފައިވާ ދެ ފޮތެވެ. މައުރޫފު ޖަމީލު ލިޔުއްވާފައިވާ ފޮތަށް ދީފައިވާ ނަމަކީ "މޯލްޑިވިއަން ރިސޯޓްސް އާކިޓެކްޗާ 50 އިއާޒް އޮފް އައިލެންޑް ރިސޯޓްސް" އެވެ. އަދި ޑރ. ސިމާދު ސައީދު ލިޔުއްވާފައިވާ ފޮތަށް ދީފައިވާ ނަމަކީ "50 އިއާޒް އޮފް ޓޫރިޒަމް އޮފް ދަ ޕައިނިއާޒް ޕީޕަލް އެންޑް ޕޮލިސީސް ދެޓް ޝޭޕްޑު މޯލްޑިވިސް ޓޫރިޒަމް" އެވެ.
ޓޫރިޒަމް ދާއިރާގެ މައި ޖަމިއްޔާ މަޓީއަކީ ޓޫރިޒަމް ދާއިރާ ކުރިއަރުވައި ދެމެހެއްޓުމަށް 1982 ވަނަ އަހަރު ވިޔަފާރިވެރިންތަކެއް ގުޅިގެން އުފެއްދި ޖަމިއްޔާއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު