ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ނާއިބު ލީޑަރުގެ މަގާމަށް، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާއެކު 12 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.

އަންނަ ހުކުރު ދުވަހު ބާއްވަން ނިންމާފައިވާ ޖޭޕީގެ ނެޝަނަލް ކޮންގްރެސްގައި އެ ޕާޓީގެ އިސްމަގާމުތަކަށް ބޭފުޅުން އިންތިހާބުކުރުމަށް ހަމަޖެހިފައިވާއިރު، އެ ޕާޓީގެ ލީޑަރުކަމަށް ކުރިމަތިލެއްވީ ޕާޓީ އުފެދުނީއްސުރެ އެ މަގާމުގައި ހުންނެވި މާމިގިލީ ދާއިރާގެ މަޖިލިސް މެމްބަރު ގާސިމް އިބްރާހިމެވެ. ގާސިމާ ވާދަކުރެއްވުމަށް އިތުރު ބޭފުޅަކު އެ މަގާމަށް ކުރިމަތިލައްވާފައި ނުވާތީ، ގާސިމް ވަނީ އޮޓަމެޓިކުން އެ މަގާމަށް ހޮވިފައެވެ.

  • ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ
  • އެންވަޔަރަމަން މިނިސްޓަރު ޑރ. ހުސައިން ރަޝީދު
  • އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހްމަދު ހުސައިން (ހަނަފީ)
  • ސްޓޭޓް މިނިސްޓަރު ހަސަން މުޣުނީ
  • ގާސިމްގެ އެގްޒެކްޓިވް ސެކްރެޓަރީ އިގްބާލް އާދަމް
  • މިހާރު ވެސް ނައިބު ރައީސް ކަމުގައި ހުންނެވި އަހުމަދު ސައުދު
  • ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ އަހުމަދު
  • ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމް
  • ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެމްބަރު އަލީ ޝާހު
  • ކެޔޮދޫ ދާއިރާގެ ކުރީގެ މެމްބަރު މޫސާ ނިޒާރު އިބްރާހީމް
  • އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު
  • ޔަޝްފާ އަބްދުލް ޣަނީ

ޖޭޕީގެ ނެޝަން ކޮންގްރެސްގައި އަލަށް އެކުލަވާލައި ޖޭޕީގެ ކައުންސިލްގެ، ޒުވާނުންގެ ލީގުގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލެއްވީ ނ. ވެލިދޫ/ އަމަން އަބްދުﷲ ޔާމީން އެކަންޏެވެ. ނާއިބުރައީސް ކަމަށް ކުރިމަތިލެއްވީ މއ. ބްލެކްޕޫލް/ ޝުއައިބު ޝިފާޒު އެކަންޏެވެ. ނަމަވެސް އަންހެނުންގެ ލީގުގެ ރައީސްކަމަށް ފަސް ބޭފުޅަކު، ނައިބު ރައީސް ކަމަށް ހަތަރު ބޭފުޅަކު ވަނީ ކުރިމަތިލައްވައިފައެވެ.

ޖޭޕީގެ ގައުމީ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހު 24 އިން 25 އަށެވެ. އެ ބައްދަލުވުމުގައި ނިންމާނެ އެންމެ މުހިންމު ނިންމުމަކީ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އެ ޕާޓީން ނިންމާ ނިންުމުމެވެ.