މެދުއިރުމައްޗާމެދު އެމެރިކާއިން ގެންގުޅޭ ޚާރިޖީ ސިޔާސަތުގެ އަމާޒަކީ ކޮބައިބާވައެވެ. މި ސުވާލުގެ ޖަވާބު އެމެރިކާގެ މިހާރުގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން ދެއްވާނަމަ ވިދާޅުވާނީ ވަރަށް ޑިޕްލޮމެޓިކް ވާހަކަފުޅެކެވެ. އެންމެނަށް އަމާންކަމާއި ސުލްހަޔޭ ވިދާޅުވާނެއެވެ. އެއީ ހައްތާވެސް މަތިއޮމާންކުރުމުގެ ގޮތުންނެވެ. ފޮރުވިފައި އޮންނަ ނިޔަތުގެ ނުބައިކަން ވަންހަނާކުރުމުގެ ގޮތުންނެވެ. ބްލިންކެންގެ ކުރިން އެމަގާމުގައި ހުންނެވީ މައިކް ޕޮމްޕިއޯއެވެ. ރައީސް ޓްރަމްޕުގެ ދައުރުގައި އެމެރިކާގެ ޚާރިޖީ ސިޔާސަތު ތަންފީޒު ކުރެއްވީ ޕޮމްޕިއޯއެވެ. އެއީ އެމެރިކާގެ ރައީސްކަމަށް ވަޑައިގަތުމުގެ ވިސްނުންފުޅެއްވެސް ގެންގުޅުއްވާ ބޭފުޅެކެވެ. ފޮރުވުމެއް، ލަދެއް ނެތި، އެމެރިކާގެ އަސްލު ބޭނުމުގެ ވާހަކަ ހުސްވި ހަފުތާގެ ތެރޭގައި ޕޮމްޕިއޯ ވަނީ ވަރަށް ސާފުކޮށް ވިދާޅުވެދެއްވައިފައެވެ.
ޕޮމްޕިއޯއަކީ 2018 ވަނަ އަހަރު އެމެރިކާގެ ޚާރިޖީ ވަޒީރުކަމަށް ވަޑައިގެންނެވުމުގެ ކުރިން އެމެރިކާގެ ޖާސޫސީ އިދާރާ ކަމަށްވާ ސީއައިއޭގެ ވެރިޔާއެވެ. އިޒްރޭލުގެ ވެރިރަށަކީ ގުދުސްކަމަށް އެމެރިކާއިން ރަސްމީކޮށް ބަލައިގަނެ، ޓެލަވީވްގައި ހުރި އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރުމަށް ޓްރަމްޕުގެ ސަރުކާރުން ނިންމިއިރު ޚާރިޖީ ވަޒީރަކީ ޕޮމްޕިއޯއެވެ. މި ނިންމުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި މީހަކީވެސް އޭނާއެވެ. އަރަބި ގައުމުތަކުގެ ތެރެއިން ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި މޮރޮކޯ އާއި ސޫދާނަށް މަޖްބޫރުކޮށްގެން އިބްރާހީމީ އެއްބަސްވުންތަކޭ ކިޔުނު އެއްބަސްވުންތަކެއްގައި ސޮއިކުރުވައި އިޒްރޭލާ ގުޅުން ގާއިމްކުރުވުމުގެ މޭސްތިރިއަކީވެސް ޕޮމްޕިއޯ ފިޔަވައި އެހެން މީހެއް ނޫނެވެ. އެހެންވީމާ ލައްކަ މައުލޫމާތެއް ހުންނާނޭތާއެވެ.
އެމެރިކާގެ ޚާރިޖީ ސިޔާސަތުގެ އަމާޒުތަކަށް ޚާއްސަ ވެބްސައިޓެއްކަމަށްވާ "ވަން ޑިސިޝަން" އަށް ހުސްވި ހަފުތާގައި ދެއްވި އިންޓަރވިޔުއެއްގައި މައިކް ޕޮމްޕިއޯ ވިދާޅުވިއެވެ. އިޒްރޭލަކީ އިސްތިއުމާރީ ދައުލަތެއް ނޫނެވެ. ބައެއްގެ ބިންތަކަށް ގަދަކަމުން ވެރިވެގަނެގެންއުޅޭ ދައުލަތެެއްވެސް ނޫނެވެ. އިޒްރޭލު އޮތީ އިޒްރޭލުގެ އަމިއްލަ ބިމުގައެވެ. އަހަރެންނަކީ ބަރާބަރަށް އިންޖީލު ކިޔަވާ ނަސާރާއަކީމެވެ. އިންޖީލުން އަހަރެންނަށް އެނގުނު އެއްޗަކީ ފާއިތުވީ ތިންހާސް އަހަރުވެސް އަދި އަންނާންއޮތް ތަނުގައިވެސް އެއީ ޔަހޫދީންގެ އަމިއްލަ ވަޒަންކަމެވެ. ބަޔަކު އިންކާރު ކުރިއަސް ނުކުރިއަސް އެ ބިމުގެ މައްޗަށް އިޒްރޭލް ނޫންބައެއްގެ ހައްގެއް ނެތްކަމެވެ. ޕޮމްޕިއޯގެ މިވާހަކަފުޅުގައި ފަލަސްތީނުގެ ހުޅަނގު އައްސޭރިޔަށް ބޭނުންކުރެއްވީ އިޒްރޭލުގައި ކިޔާ ގޮތަށް ޖޫޑިއާ އާއި ސަމޭރިޔާގެ ނަމެވެ.
މެދުއިރުމައްޗަށް ގެނެވޭ ދާއިމީ ސުލްހައެއްގެ އަސާސަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެދުންކަމަށް އެންމެންވެސް ގަބޫލުކުރާއިރު އަދި އެމެރިކާއިންވެސް އެކަމަށް އެދޭކަމަށް ވަކާލާތުކުރާއިރު މައިކް ޕޮމްޕިއޯ ވިދާޅުވެފައިވަނީ އެއީ މަސްރަހު ފިނިކުރަން ބޭނުންކުރާ ފަންކާއެއް ކަހަލަ ޚިޔާލީ ވާހަކައެއް ކަމަށާއި ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް އޭނާ ތާއީދު ނުކުރައްވާ ކަމަށެވެ. އެންމެ މުހިއްމު ކަމަކީ އިޒްރޭލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވުން ކަމަށާއި ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަކީ އިޒްރޭލަށް އޮތް ނުރައްކަލެއް ކަމަށްވެސް ވިދާޅުވިއެވެ. ފަލަސްތީނުގެ ދައުލަތެެއް ހަގީގަތަކަށްވުން ދުރުކަމަށްވެސް ވިދާޅުވިއެވެ. ޕޮމްޕިއޯ މި މޭރުމުން ވާހަކަ ދައްކަވާފައިވަނީ އޭނާ ލިޔުއްވި ފޮތެއް ޝާއިއުކުރުން ގާތްވެފައިވަނިކޮށެވެ. ފޮތުގެ ނަމަކީ "އެންމެ އިންޗިއެއްވެސް ދޫކުރުމެއް ނެތް" މިހެންނެވެ.
މަތީގައި ބަޔާންކުރެވުނު ފޮތަކީ އެމެރިކާގެ ރިޔާސަތަށް ވަޑައިގެންނެވުމަށްޓަކައި މަގު އަލިކުރެއްވުމުގެ ގޮތުން ޕޮމްޕިއޯ ކުރައްވަން ނިންމަވާފައިވާ ކަންކަމުގެ ތެރެއިން އެއްކަންތަކެވެ. އޭނާގެ ޕްރޮފައިލް ބޮޑުކުރައްވައި ސިޔާސަތެއް އެބައޮތްކަން ދެއްކެވުމަށް ކުރައްވާ ކަމެކެވެ. އެމެރިކާގައި އެންމެ ނުފޫޒުގަދަ ލޮބީއަކީ ޔަހޫދީ ލޮބީކަމަށްވާތީ އެފަރާތުގެ ރުހުން ހޯދުމަކީ މައިގަނޑު އެއް ބޭނެމެވެ. ޕޮމްޕިއޯގެ އިންޓަރވިޔު ނިންމައިލެއްވުމުގެ ކުރިން ވިދާޅުވިއެވެ. އިޒްރޭލު އެއޮތީ ފުހެވިގެން ގެއްލިގެންދާ ގޮތަކަށް ނޫނެވެ. ސުލްހަ ނުގެނެވިގެން އުޅެނީ ފަލަސްތީނު މީހުންނާހެދިއެވެ. އިޒްރޭލުން ކޮންމެ ކަހަލަ ސިޔާސަތެއް ގެންގުޅުނަސް އިޒްރޭލަށް ތާއީދުކުރަން އެމެރިކާއަށް ލާޒިމެވެ. ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސާމެދު ވިދާޅުވީ އެއީ އެމެރިކާ އާއި އިޒްރޭލުގެ އެތައްބައެއްގެ ގާތިލެއް ކަމުގައެވެ.
އެމެރިކާގައި އިޒްރޭލަށް އޮންނަ ތާއީދު ބޮޑުވުމަކީ އަދި އޭނާ ކަހަލަ ލީޑަރުން ތިބުމަކީ އިޒްރޭލުގެ ނަސީބެއް ކަމަށާއި އެ ނަސީބު މެދުވެރިވުމުގެ ސިއްރަކީ ހައްގު މަގުގައި އޮތް ދައުލަތަކަށް އިޒްރޭލް ވުންކަމަށްވެސް ޕޮމްޕިއޯ ވަނީ ވިދާޅުވެފައެވެ. ޚާރިޖީ ވަޒީރުކަމުގެ ދުވަސްވަރުވެސް މިޒާތުގެ ވާހަކަފުޅެއް އޭނާ ވިދާޅުވިއެވެ. އެފަހަރު ވިދާޅުވެފައިވަނީ ރައީސް ޓްރަމްޕަކީ އިޒްރޭލުގެ ހިމާޔަތަށްޓަކައި ވަޑައިގެންނެވި ބަތޮލެއް ކަމުގައެވެ. އެއީ ޝައްކެއްވެސް ނެތް ކަމެއް ކަމުގައެވެ. މިވާހަކަފުޅާމެދު އިޒްރޭލުގެ އޭރުގެ ބޮޑުވަޒީރު އަދި މިހާރުވެސް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ގަޔާވީލެއް ބޮޑުކަމުން ޓްރަމްޕުގެ ނަމަށް ނިސްބަތްކޮށް އެތައް އަވަށަކާއި އެތައް މަގަކަށް ނަންވެސް ދީފައިވެއެވެ. ޓްރަމްޕާއި ޕޮމްޕިއޯއަށް އިޒްރޭލުގެ ދާއިމީ ރަށްވެހިކަންވެސް ދީފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ