ގެއްލުމުގެ ބަދަލުގެ ގޮތުގައި މިއަހަރުގެ މިހާތަނަށް ދައުލަތުން 92.6 މިލިއަން ރުފިޔާ ހޭދަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަހަރު ގެއްލުމުގެ ބަދަލުގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވަނީ 101 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އެ މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން އެ ބަޖެޓުގެ ތެރެއިން 92.6 މިލިއަން ރުފިޔާ މިހާރު ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދީފައެވެ. އެއީ ބަޖެޓުގެ 90 ޕަސަންޓް ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ތަފާސްހިސާބުތަކުގައިވާ ގޮތުން މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ އެކި ފަރާތްތަކަށް ވަނީ ދީފައެވެ. މިދިޔަ ހަތަރު އަހަރުވެސް ވަނީ ބަޖެޓުގައި ކަނޑައެޅި އަދަދަށްވުރެ އިތުރަށް ގެއްލުމުގެ ބަދަލު ދީފައެވެ. އެ ބަދަލުތަކަކީ ސަރުކާރުން ވެފައިވާ އެއްބަސްވުންތައް ގާނޫނާހިލާފަށް އުވާލުމުގެ ސަބަބުން ދައްކަން ޖެހުނު ބަދަލުތައް ކަމަށް ފިނޭންސުން ބުންޏެވެ.
ކުރީގެ ސަރުކާރުތަކުގެ ސަބަބުން ގެއްލުމުގެ ބަދަލު ހޯދަން މި ސަރުކާރުން ވަނީ ސެޓްލްމެންޓް ކޮމިޓީއެއް އެކުލަވާލައިފައެވެ. އެ ކޮމިޓީން ބުނެފައިވަނީ ކުރީގެ ސަރުކާރުތަކުން ގާނޫނާހިލާފަށް އެއްބަސްވުންތައް އުވާލުމުގެ ސަބަބުން ދޭން ޖެހޭ ބަދަލުގެ އަދަދު 6.8 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.
ސެޓްލްމެންޓް ކޮމިޓީއަށް ވަނީ 37 މައްސަލައެއް ހުށަހަޅައިފައެވެ. ނަމަވެސް އެ ހުރިހާ މައްސަލަތަކެއް ބަލައި ނުނިމެނީސް އެ ކޮމިޓީ އުވާލައި 2021 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި ވަނީ ގެއްލުމުގެ ބަދަލު ހޯދަން ހުށަހެޅުމުގެ ފުރުސަތު އާ އުސޫލެއްގެ ދަށުން ހުޅުވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު