އިނގިރޭސިވިލާތުގެ އައު ރަސްގެފާނު ޗާލްސްގެ ތަސްވީރު ހިމަނައިގެން އެގައުމުން ނެރުނު އައު ފައިސާފޮތީގައި ގިނަބަޔަކު ހައިރާންވާފަދަ މެސެޖެއް ހިމަނައިފިއެވެ.

ރަސްގެފާނު ޗާލްސްގެ ސޫރަ ކުރަހައިފައިވަނީ މާޓިން ޖެނިންގްސްއޭ ކިޔުނު އާޓިސްޓެކެވެ. އޭނާގެ ކުރެހުން ބަލައިލީމާ ފެންނަނީ ކޮންމެވެސް ކަހަލަ ދޫންޏެއް ރަސްގެފާނުގެ ކަންފަތްޕުޅުގެ ކައިރީގައި އެއްޗެއް ދަންނަވާ މަންޒަރެވެ. މި ކުރެހުމުގެ އެހީގައި އާންމުންނަށް ދޭން ބޭނުންވާ މެސެޖަކީ ރަސްގެފާނު ޗާލްސްއަކީ ގުދުރަތީ ދިރުންތަކާއި ތިމާވެއްޓާއި ގުޅޭ ކަންކަމަށް ސަމާލުކަން ދެއްވާނޭ ރަސްކަލެއް ކަމެވެ. ދޫނިސޫފާސޫފީގެ އަޑުވެސް އައްސަވާނޭ ރަސްކަލެއް ކަމެވެ.

އައު ފައިސާފޮތިން ދެން ފާހަގަކުރެވުނު އަނެއް ބަދަލަކީ ރަސްގެފާނު ޗާލްސްގެ ސޫރަ ކުރެހިއިރު ތާޖުކޮޅު ނެތުމެވެ. ތަޖުރިބާކާރުން ބުނާގޮތުގައި ރަސްކަލެއްގެ ހައިބަތު ދެއްކެވުމަށްވުރެ ޗާލްސް އެދިވަޑައިގަންނަވަނީ ވީހާވެސް އާދައިގެ މީހެއްގެ ގޮތުގައި އާއްމުން އޭނާ ބަލައިގަތުމަށްކަން މި ކުރެހުމުން ދޭހަވާކަމުގައެވެ.

އިނގިރޭސި ފައިސާގެ ތެރެއިން ކޮއިން ނެރެނީ ރޯޔަލް މިންޓްގެ ފަރާތުންނެވެ. ޗާލްސްގެ ސޫރަ ހިމަނައިގެން އެންމެ ފުރތަމަ ސާކިއުލޭޝަނަށް ނެރެފައިވަނީ ފަންސާސް ޕެނީގެ ކޮއިނެވެ. މިއަހަރުގެ އެޕްރީލް މަހު ބާއްވާ ރަސްމީ ކޮރޮނޭޝަން ހަފުލާއަށްފަހު ރޯޔަލް މިންޓްގެ ފަރާތުން ޗާލްސްގެ ތަސްވީރު ހިމަނައިގެން އިތުރު ފޮތިފޮތިވެސް ނެރުމަށް ވަނީ ހަމަޖެހިފައެވެ. ޗާލްސްގެ ކަންފަތްޕުޅަށް ދޫނި އިއްވައިދޭ މެސެޖާމެދު ގަނޑުވަރުންވެސް އަދި ރޯޔަލް މިންޓުގެ ފަރާތުންވެސް ވަކި އެއްޗެެއް ނުބުނެއެވެ.