މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނަގާފައިވާ ހަތަރު މިލިއަން ރުފިޔާގެ ދަރަނި ދައްކާ ހަލާސްކުރި ކަމަށް ސިވިލް ކޯޓުން ހުކުމް ކުރި ނަމަވެސް، އެ ފައިސާ ދައްކާފައިނުވާނެ ކަމަށާއި އެއީ ގާޒީއަށް އެރި އޮޅުމެއް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަދި ދާދިފަހުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުކަމަށް އައްޔަނުކުރެއްވި އަހުމަދު ނިހާން ހުސައިން މަނިކު މިއަދު ވިދާޅުވެއްޖެއެވެ.

ނިހާނާއި އޭނާގެ އެއްބަނޑުއެއްބަފާ ބޭބެ، މުހައްމަދު އިނާން ހުސައިން މަނިކަށް އެމްއައިބީން 2016 ވަނަ އަހަރުގެ ތެރޭ ދޫކުރި ހަތަރު މިލިއަން ރުފިޔާގެ "ޑިިމިނިޝިން މުޝާރަކާ ޕްރޮޕަޓީ ފައިނޭންސިން" ފެސިލިޓީއަށް އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކައިގެން އެ ދެބެއިންގެ މައްޗަށް ދައުވާ ކުރިއެވެ. އެ ލޯނަކީ ނިހާން ގެރެންޓީ ދީގެން ނަގާފައިވާ ލޯނެކެވެ.

މި މައްސަލައިގައި މިދިޔަ މަހުގެ 24 ވަނަ ދުވަހު ކޯޓުން ހުކުމްކޮށް، އެ ކޯޓުުގެ ވެބްސައިޓުގައި ޝާއިއުކުރި ހުކުމްގައި ބުނެފައިވަނީ ކޯޓަށް ފައިސާ އެއްކޮށް ދައްކައި ހަލާސްކޮށްފައިވާތީ، ދައުވާ އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ދަރަނި ދެއްކުމަށް ފައިސާ ހޯދީ ކިހިނެއްތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ނިހާން ވިދާޅުވީ، އެ ދަރަނި އަދިވެސް ނުދައްކަވާ ކަމަށާއި ފައިސާ ހަލާސްކުރި ކަމަށް ހުކުމުގައި ލިޔެފައިވަނީ ގާޒީއަށް އެރި އޮޅުމަކުން ކަމަށެވެ.

"މިހާރު އެ ގަޒިއްޔާ ބައްލަވާލައްވާ ސިވިލް ކޯޓުގެ ވެބްސައިޓުން. 4.2 މިލިއަން ރުފިޔާ އަޅުގަނޑު ދައްކާފައި އޮތްތޯ. މި އޮޅުން އެރީ ނޫސްވެރިންނަކަށް ނޫން. މިދިޔަ މަހުގެ 24 ވަނަ ދުވަހު ސިވިލް ކޯޓުގެ ވެބްސައިޓުގައި އަޕްލޯޑްކުރި ގަޒިއްޔާގައި ހުރީ ރޯ ނުބައި ވާހަކަތަކެއް. ކޯޓުގެ ފަނޑިޔާރު ގަޒިއްޔާ ބަލަންވާ ވަރަށް ނުބައްލަވާ ސޮއިކޮށްފައި ނެރުމުގެ ނަތީޖާއިން ތިބޭފުޅުން ލިޔުއްވި އެއްޗެއް ލިޔުނީ،" ނިހާން ވިދާޅުވިއެވެ.

ނިހާން އިތުރަށް ވިދާޅުވީ، އެ ހުކުމް ނުބައިކޮށް ލިޔެ ޝާއިއުކުރުމުން އެ ހުކުމް ކުރި ފަނޑިޔާރާ މެދު ސުލޫކީ ފިޔަވަޅު އެޅެން ޖެހޭނެ ކަމަށާއި ނަމަވެސް އެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ.

ސިވިލް ކޯޓުގެ ވެބްސައިޓުގައި މިހާރު އަޕްލޯޑުކޮށްފައިވަނީ އިސްލާހުކުރެވިފައިވާ ހުކުމެވެ. އެ ހުކުމުން ނިހާން، ހަތަރު މިލިއަން ރުފިޔާ ދެއްކެވި ކަމަށް ބުނާ ބައި ވަނީ އުނިކޮށްފައެވެ. ހުކުމުގައި މިހާރު ބުނެފައިވާ ގޮތުގައި ދައުވާ އަނބުރާ ގެނައުމުގެ އިޖުރާއަތު އެމްއައިބީ އާއި ދައުވާ ލިބޭ އިނާނާއި ނިހާން ވަނީ ފުރިހަމަކޮށްފައެވެ.

އެހެންކަމުން އެ ދައުވާ އިތުރަށް ކުރިއަށްގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ވަނީ ހުކުމްކޮށްފައެވެ. އެ މައްސަލަ ބެއްލެވީ ގާޒީ އާދަމް އިބްރާހިމް އިސްމާއީލެވެ.