ރާއްޖެއަށް ޑްރަގް އެތެރެކުރާ ބިދޭސީން ފޮނުވައިލެވޭގޮތަށް "ވައިގެ މަގުން ދިވެހި ރާއްޖެ އަންނަ ބިދޭސީއަކު ދިވެހި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކު ކުރެވޭ ހާލަތުގައި އެ ފަރާތަކާމެދު އަމަލު ކުރާނެގޮތުގެ ގަވާއިދު"ގައި އޮތް ގޮތް ބަދަލުކުރަން އެމްޑީޕީގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގަތުމަށް އެ ޕާޓީގެ ޕީޖީ ގްރޫޕުން ވިޕްލައިން ނެރެން ޖެހުނު ގޮތް ޕީޖީ ލީޑަރު، އަދި ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަސްލަމް އޮޅުން ފިލުއްވައި ދެއްވައިފިއެވެ.

ޕީޖީ ގްރޫޕުން ނެރުނު ވިޕްލައިނާ ދެކޮޅަށް، ވޯޓު ލައިގެން އެ މައްސަލަ މަޖިލީހަށް ބަލައިގަނެ މައްސަލައަށް ބަހުސް ކުރުމަށް ހުޅުވައިލި ފުރުސަތުގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ، އެމްޑީލީ ޕާލަމެންޓްރީ ގްރޫޕުގެ ގަވާއިދެއް އޮންނަ ކަމަށާއި، ހަމަޖެހިފައިވާ އުސޫލުތަކެއް އޮންނަ ކަމަށާއި، ފާސްކޮށްފައިވާ ފާސް ކުރުންތަކެއް އޮންނަ ކަމަށެވެ.

"އަޅުގަނޑަކަށް އަޅުގަނޑު ބޭނުންވާ ގޮތަކަަށް އަޅުގަނޑު ހިތުހުރި ގޮތަކަަށް ޕާލަމެންޓްރީ ގްރޫޕު ހިންގޭކަށް ނޯވޭ،"

އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ބައެއް މެންބަރުން އެ އުސޫލުތަކަށް ތަބާނުވާކަން ފާހަގަ ކުރައްވައި އަސްލަމް ވިދާޅުވީ، "މިއަދު 10:30 ގައިވެސް ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމެއް ބޭއްވި، ނަމަވެސް އަޅުގަނޑުމެންގެ ޕާލަމެންޓްރީ ގްރޫޕުގައި އެބަ ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުން އެއްގޮތަކަށްވެސް ޕީޖީ ގްރޫޕުގެ ބައްދަލުވުމަށް ވަޑައެއް ނުގަންނަވާ، އަދި އެބޭފުޅުން ދެކެވަޑައިގަންނަވާގޮތުގެ މަޝްވަރާއެއް ޕާލަމެންޓްރީ ގްރޫޕަކަށް ނުލިބޭ،" ކަމަށެވެ.

ހަސަން ލަތީފުގެ ކުއްލި މައްސަލައާ ބެހެގޮތުން ޕީޖީ ގްރޫޕުން އަމަލު ކޮށްފައި ވަނީ ޕީޖީ ގްރޫޕުގެ މެންބަރުން ފާސްކޮށްފައިވާ އުސޫލުގެ ތެރެއިން ކަމަށް އަސްލަމް ވިދާޅުވިއެވެ.

އެގޮތުން އެގޮތަށް ވިޕްލައިން ނެރުނީ އެ އުސޫލުގެ ތެރެއިން "ޕީޖީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު ޕާލަމެންޓްރީ ގްރޫޕުގެ ރުހުމާ ނުލައި ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަތުމަށް ޕާލަމެންޓްރީ ގްރޫޕުން ނިންމާފައިވާ ނިންމުމާ އެއްގޮތްވާ ގޮތުގެމަތިން،" ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް އިތުރަށް ވިދާޅުވީ ހަސަން ލަތީފު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ދެ ތުހުމަތެއް ހިމެނޭ ކަމަށެވެ. އެއް ތުހުމަތަކީ ޑްރަގް ޓްރެފިކު ކުރުމަށް ސަރުކާރުން ޖާގަ ދެނީކަމަށް ކޮށްފައިވާ ތުހުމަތެވެ. ދެވަނަ ތުހުމަތަކީ ގާނޫނާ ހިލާފަށް ގަވާއިދެއް ހަދާފައިވާ ކަމަށް ބަޔާންކޮށްފައި އޮތުމެވެ.

ގާނޫނާ ހިލާފަށް ގަވާއިދެއް ހަދާފައިވާ ނަމަ، އެކަމަށް ޗެލެންޖު ކުރެވޭނީ ކޯޓުގައި ކަމަށާއި، މަޖިލީހަށް ޖާގަ ލިބިގެންވަނިީ އާއްމު ގަވާއިދުތަކާބެހޭ ގާނޫނުގެ ދަށުން ހިންގާ ގަވާއިދުތަކަށް ބަދަލު ގެނައުން ކަމަށްވެސް ވިދާޅުވިއެވެ.

"އާއްމު ގަވައިދު ތަކާބެހޭ ގާނޫނުގެ ދަށުން ނޫން ގޮތަށް ހުންނަ ގަވާއިދުތަކަށް އަޅުގަނޑުމެން ޗެލެންޖު ކުރަން ޖެހެނީ ކޯޓުގައި ކަމަށް ދަންނަވަން،" އަދި އެ ގަވައިދު ހަދާފައި ވަނީ، ގާނޫނާ ހިލާފަށް ކަމަށް ޕީޖީ ގްރޫޕުގެ ލީޑާޝިޕުން ގަބޫލު ނުކުރާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

ޑްރަގް ޓްރެފިކިން ހުއްޓުވައި ޑްރަގުގެ މައްސަލަތައް ހައްލު ކުރުމަށް މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް، ފާހަގަ ކުރައްވައި އަސްލަމް ވިދާޅުވީ، ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި 1.3 ޓަނަށްވުރެން ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ. އަދި 2018 ވަނައަހަރުގެ ފަހުކޮޅާއެކު 1.8 ޓަނުގެ މަސްތުވާތަކެތި ނައްތާލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.