މަޝްހޫރު މޮޑެލެއް ކަމަށްވާ ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒީން)، އޭނާގެ ބައްޕަ އިބްރާހީމް އަލިފުޅާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ކައިޒީން އެދުނު ގޮތަށް އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފިއެވެ.
ކައިޒީން ހުށަހެޅި އެ މައްސަލައިގައި ބުނެފައިވަނީ، "މިހިރީ 5" ބޯޓު ގަތުމަށް އޭނާގެ ބައްޕައަށް 3،600،000 ރުފިޔާ ހަވާލުކޮށްފައިވާ ކަމަށެވެ. އެ ބޯޓު ގަތުމަށްފަހު ބޯޓުގެ ރަޖިސްޓްރީ އޭނާގެ ބައްޕަގެ ނަމަށް ބަދަލުކޮށްފައިވާ ކަމަށާއި ރަޖިސްޓްރީން ބަދަލުކޮށްފައިވަނީ އޭނާގެ ރުހުން ނެތި ކަމަށް ކައިޒީން ބުނެފައިވެއެވެ.
އެހެންކަމުން ބޯޓުގެ ރަޖިސްޓްރީ އޭނާގެ ނަމަށް ބަދަލުކޮށް ދިނުމަށް ބައްޕަގެ މައްޗަށް އަމުރުކޮށް ދިނުމަށް ކައިޒީން ވަނީ އެދިފައެވެ. އަދި އޭނާގެ ބައިވެރިން ހިމެނޭ ގޮތަށް މެނުވީ ބޯޓުގެ އެއްވެސް މުއާމަލާތެއް ނުކުރުމަށާއި ހިބައިން ނުވަތަ ވަސިއްޔަތުން އަދި އެނޫންވެސް ގޮތަކުން ބޯޓުގެ މުއާމަލާތެއް ކޮށްފައިވާނަމަ، އެފަދަ މުއާމަލާތެއް ތަންފީޒު ނުކުރުމަށްވެސް ކައިޒީން ވަނީ އެދިފައެވެ.
މީގެ ކުރިން ސިވިލް ކޯޓުންކުރި ހުކުމުގައި ބުނެފައިވަނީ ބޯޓު ގަތުމުގެ ފައިސާ ދެއްކީ ކައިޒީންކަން ސާބިތުކުރަން ހެކި ހުށަހަޅާފައިވާ ކަމަށެވެ. އަދި ބޯޓު ގަތުމަށް ފައިސާ ދިން ކަމަށް އޭނާގެ ބައްޕަ އިންކާރުކޮށްފައި ނުވާ ކަމަށެވެ.
އެހެންކަމުން މިއީ ކައިޒީންގެ ހައްގު ހިމެނޭ މައްސަލައެއްކަން ސާފުކޮށް އެނގިގެންދާ ކަމަށް އަމުރުގައިވެއެވެ. އަމުރުގައި އިތުރަށް ވަނީ ކައިޒީން އެދިފައިވާ ގޮތަށް ވަގުތީ އަމުރު ނެރެނުދީފިނަމަ، އޭނާއަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބުމުގެ އިހުތިމާލު އޮތް ކަމަށެވެ. އަދި ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނުނިމެނީސް ބޯޓުގެ ރަޖިސްޓްރީ އެހެން ފަރާތެއްގެ ނަމަށް ބަދަލުވެއްޖެނަމަ ވެސް ކައިޒީންއަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށެވެ.
ސިވިލް ކޯޓުން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ކައިޒީން އެދުނު ގޮތަށް އެ އަމުރުތައް ނެރެދީފައެވެ.
ބޯޓުގެ މިލްކުވެރިކަން ބަދަލުވާފަދަ އެއްވެސް ކަމެއް ނުކުރުމަށް އެދި ވަގުތީ އަމުރެއް ކުރިން ނެރެފައިވާތީ، މިއަދު ސިވިލް ކޯޓުން ނިންމީ ކައިޒީން ވަގުތީ އަމުރަކަށް އެދުނު ކަންކަމަކީ ކައިޒީން އުފުލާފައިވާ ދައުވާގައި ވެސް ހުރި ކަންކަމަށް ވާތީ އާއި އަދި ކައިޒީން ހުށަހެޅި ބައެއް ކަންކަމަށް މީގެ ކުރިން ވެސް ވަގުތީ އަމުރެއް ނެރެފައި ވުމުން އިތުރު އަމުރެއް ނެރެވޭނެ ގާނޫނީ ހުއްޖަތެއް ނެތް ކަމަށް ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު