ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގައި ބާއްވާ ވޯލްޑް ގަވަަމަންޓް ސަމިޓް 2023 ގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ރަސްމީ ދަތުރުފުޅެއްގައި އެގައުމުގެ ދުބާއީއަށް މިއަދު ފުރާވަޑައިގެންފިއެވެ.

ނައިބު ރައީސް ފައިސަލް ނަސީމުގެ މި ދަތުރުފުޅަކީ ޔޫއޭއީގެ ބޮޑުވަޒީރާއި އެ ގައުމުގެ ޑިފެންސް މިނިސްޓަރު، އަދި ދުބާއީގެ ވެރިޔާ ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަކްތޫމްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މާދަމާ ފަށާ މި ސަމިޓް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

މިއަހަރުގެ ސަމިޓު ކުރިއަށްގެންދާނީ މުޅި އިންސާނިއްޔަތަށް ރަނގަޅު މުސްތަގުބަލެއް ހޯދުމަށް އަމާޒު ހިފާފައިވާ މައިގަނޑު ހަ ތީމެއް ކަނޑައަޅައިގެންނެވެ. މި ސަމިޓުގައި ދުނިޔޭގެ އެކިކަންކޮޅުތަކުން ލީޑަރުންނާއި ބައިނަލްއަގުވާމީ މާހިރުންނާއި ނިންމުންތައް ނިންމަވާ ފަރާތްތައް އެއްތަނަކަށް އެއްވެ، ހިޔާލު ބަދަލުކޮށް، މުސްތަގުބަލަށް މުހިންމުވާނެ ތަރައްގީގެ ސިޔާސަތުތަކާއި މޮޑެލްތައް އެކުލަވާލުމަށް ބޭނުންވާ ހިޔާލާއި މަޝްވަރާތައް ކުރިއަަށްގެންދާނެއެވެ.

މި ސަމިޓުގެ ފިއުޗާ އޮފް ވޯކް ފޯރަމްގައި ނައިބު ރައީސް ތަގުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދިވެހި ސަރުކާރާއި ޔޫއޭއީ ސަރުކާރާ ދެމެދު މިދިޔަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން "މޯލްޑިވްސް ލީޑަޝިޕް ޕްރޮގްރާމް" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ދަތުރު ނިންމަވާލައްވައި ނައިބު ރައީސް މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.