މާލެ ސަރަހައްދުގައި ދިރިއުޅޭ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ނަން ނޯޓުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެ ދަފުތަރުގައި ނަން ނެތް ފަރާތްތަކަށް އެކަމުގެ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އެ ފުރުސަތު އާއްމުކޮށް ހުޅުވާލުމުގެ ގޮތުން، އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން މިދޔަ އަހަރުގެ ޑިސެމްބަރު 22 އިން މިދިޔަ މަހުގެ 19 އަށް ޝަކުވާ ހުށަހެޅި ފަރާތްތަކުގެ ފޯމަށް ޖަވާބު ދީފައިވާ ކަމަށެވެ.

އެހެންކަމުން އެ ދަފްތަރުގައި ހިމެނިފައިނުވާ ފަރާތްތަކުން ޝަކުވާ ހުށަހަޅަން އެދޭނަމަ އިސްލާމިކް މިނިސްޓްރީގެ ކައުންޓަރަށް، ނުވަތަ ޒަކާތު ދަފްތަރަށް މެއިލް ކުރެވޭނެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އިއުލާނުގައިވެއެވެ.

މެއިލް ފޮނުވާއިރު، ސަބްޖެކްޓުގައި ފޯމު ހުށަހެޅި ފަރާތުގެ ނަމާއި އައިޑީ ކާޑު ނަމްބަރާއި ފޯމު ނަމްބަރު ޖެހުމަށްވެސް މިނިސްޓްރީން ވަނީ އެދިފައެވެ.

މެއިލް ފޮނުވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ އެ ތާރީހަށް ފަހުގައި ހުށަހެޅޭ އެއްވެސް ޝަކުވާއެއް ބަލައިނުގަނެވޭނެ ކަމަށެވެ.