ކ. ކުޑަގިރި ޕިކްނިކް އައިލެންޑަށް ދާން ބޭނުންވާ މީހުންނަށް ބުކިން ހެއްދުމުގެ ފުރުސަތު މިއަދު ހަވީރު ހުޅުވާލާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެެވެ.
ކުޑަގިރި ރަސްމީކޮށް ހުޅުވަން ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.
ކުޑަގިރިއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޑީސީގެ ސޭލްސް އެންޑް މާކެޓިން ޑިރެކްޓަރު ނިއުޝާދު ޝަރީފު ވިދާޅުވީ މިއަދު ހަވީރު 4 އިން ފެށިގެން ކުޑަގިރިއަށް ބުކިން ހެއްދުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. ބުކިން ހައްދަން ޖެހޭނީ ކުޑަގިރިއަށް ހާއްސަ މޯބައިލް އެޕްލިކޭޝަނާއި ވެބްސައިޓް މެދުވެރިކޮށެވެ.
ނިއުޝާދު ވިދާޅުވި ގޮތުގައި ބުކިން ހައްދާއިރު ކޮންމެ މީހަކަށްވެސް ހެއްދޭނީ އެއް ބުކިންއެވެ. އެ ބުކިންގައި ދަތުރު ދާ މީހުންގެ ގޮތުގައި ހިމެނޭނީ ގިނަވެގެން ހަތް މީހުން ކަމަށާއި އެގޮތަށް ކަނޑައަޅާފައިވަނީ ވީހާވެސް ގިނަ ބަޔަކަށް ކުޑަގިރިއަށް ދިއުމުގެ ފުރުސަތު ފަހިކޮށްފައި ބޭއްވުމަށް ކަމަށް ވިދާޅުވިއެވެ.
- ކުޑަގިރި ހުޅުވާ ދުވަހު ފުރުސަތު ލިބޭނީ އެންމެ ކުރިން ބުކިން ހައްދާ 300 މީހުންނަށް
- އޭގެ ފަހުން ހަފުތާ ބަންދު ނޫން ދުވަސްތަކުގައި ދުވާލަކަށް 500-600 އާ ދެމެދުގެ އަދަދަކަށް ޖާގަ ދޭނެ
- ހަފުތާ ބަންދު ދުވަސްތަކުގައި 1،500 އެއް މީހުންނަށް ޖާގަ ދޭނެ
- ރަށް އެއްކޮށް ހުޅުވާލުމާއެކު އެއްފަހަރާ 1200 އެއްހާ މީހުންނަށް ހިދުމަތް ދެވޭނެ
- ކުޑަގިރިއަށް ދާން ފެރީ ފުރާނީ ހުޅުމާލެއާއި މާލޭގެ ފެރީ ޓާމިނަލުން
- ފެރީ އޮންނާނީ ހެނދުނު 6:30 އިން ފެށިގެން ދުވާލަކު ދެ ފެރީ
- ސަރުކާރު ބަންދު ދުވަސްތަކުގައި ދިވެހިންނަށް ހިލޭ ދެވޭނެ
- އެހެން ދުވަސްތަކުގައި ދަތުރުދާ ނަމަ ފެރީ ދެކޮޅު ޓިކެޓަށް 50ރ އަދި ރަށަށް އަރަން، އެންޓްރެންސް ފީގެ ގޮތުގައި ބޮލަކަށް 50ރ ދައްކަންޖެހޭނެ
- 11 އަހަރުން ދަށުގެ ކުދިންނަށް ދައްކަންޖެހޭނީ އޭގެ ދެބައިކުޅަ އެއްބައި
- ދެ އަހަރުން ދަށުގެ ކުދިންނަށް އެއްވެސް އަގެއް ނުނަގާނެ
އެޗްޑީސީން ބުނެފައިވާ ގޮތުގައި ކުޑަގިރިއަށް ޕިކްނިކް ދާ މީހުން ބޭނުންވާނެ އަސާސީ ކަންކަން އެ ކުންފުނިން ފޯރުކޮށްދޭނެއެވެ. އެގޮތުން ކްލިނިކަކާއި ކޮންވީނިއެންސް ސްޓޯރަކާއި ރީޓެއިލް ސްޓޯރުގެ އިތުރުން ކެފޭއަކާއި މިސްކިތަކާއި ފާހާނާ ބަރި އަކާއި ޗޭންޖިން ރޫމް އަދި ނާސިން ރޫމެއް ހުންނާނެއެވެ.
ނާސިން ރޫމް ގާއިމުކޮށްފައިވަނީ ކުޑަކުދިންގެ ނެޕީ ބަދަލުކޮށް، ތުއްތު ކުދިންނަށް ގާތުން ދިނުން ފަދަ ކަންކަން ފަސޭހައިން ކުރެވޭނެ ފަދަ އިންތިޒާމުތަކާ އެކުގައެވެ.
އޭގެ އިތުރުން އާންމުން ބޭނުންކުރުމަށް ޑޭ ޔޫސް ރޫމްގެ ގޮތުގައި 12 ރޫމް ކަނޑައަޅާފައިވާ އިރު، އާންމުން ބޭނުންކުރުމަށް 13 ކުޑައަށި އަދި ހަތަރު ބޮޑުއަށި ވަނީ ގާއިމުކޮށްފައެވެ. ބުކިން ހައްދާއިރު މި އަށިތައްވެސް ބުކް ކޮށްލެވޭނެއެވެ.
ބޮޑު އަށި: މުޅި ދުވަހަށް 1،200ރ
ބޮޑު އަށި: ހާފްޑޭއަށް 650ރ
ކުޑަ އަށި: މުޅި ދުވަހަށް 500ރ
ކުޑަ އަށި: ހާފްޑޭއަށް 25ރ
މި އަށިތައް ފަރުމާކޮށްފައިވަނީ ކަރަންޓާއި ފެނާއި އަދި ކެއްކޭނެ އިންތިޒާމުތަކާ އެކުއެވެ. އަދި އަށި ނެގުމުން ކައްކަން ބޭނުންވާ އުދުން، ގޭސް ފުޅި، ވަޅި ފަދަ ތަކެތި ކުޑަގިރިން ހިލޭ ފޯރުކޮށްދޭނެއެވެ. އަދި ކައްކަން ބޭނުންވާ އެހެނިހެން ސާމާނު ކޮންވީނިއެންސް ސްޓޯރާއި ރީޓެއިލް ސްޓޯރުން ލިބޭނެއެވެ.
ކުޑަގިރި، ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކަނޑައަޅާފައިވިޔަސް އެ ރަށުގައި ކައިވެނީގެ ހަފުލާތަކާއި އުފަންދުވަސް ފާހަގަކުރުމަށް ބާއްވާ ޕާޓީތަކުގެ އިތުރުން ކޯޕަރޭޓް އިވެންޓުތައް ބޭއްވުމުގެ ފުރުސަތުވެސް އޮންނާނެއެވެ. ޕްރައިވެޓް އިވެންޓުތަކަށް ރަށް ދޫކުރާނީ ދަތުރު ދާ ފަރާތްތަކުގެ ބުކިންތަކަށް ބެލުމަށްފަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު