ބަނދަރާއި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ ކުރިން ބ.ފުޅަދޫގަައި 7،000 ރުފިޔާއަށް ހުރި ބިމުގެ އަގު މިހާރު 15،000 ރުފިޔާއަށް ބޮޑުވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ރިޔާސީ ބަޔާން އިއްވަަވަމުން ރައީސް ސޯލިހު ވިދާޅުވީ، ކަރަންޓާއި ބަނދަރާއި މަގާއި ފެނާއި ނަރުދަމާއާއި އާރުޓީއެލްއަކީ މުޅި ރާއްޖޭގެ އިގުތިސާދު އެތައް ގުނައަކުން ބިނާކުރެވޭ ބިންގާ ކަމަށެވެ.

އަދި މިހާރު އެކި ރަށްރަށުގައި ސަރުކާރުން ކުރިއަށް ގެންދާ ތަފާތު އެކި ތަރައްގީގެ މަޝްރޫއުތައް ނިމެމުންދާ ވަރަކަށް އެ ރަށްތަކުގެ ބިމުގެ އަގު އަރައި އެ ރަށްރަށުގެ އިގުތިސާދީ ހަރަކާތްތައް ހިންގަން ފަށައި، އޭގެ މަންފާ ރައްޔިތުންނަށް ކުރާނެ ކަމަށް ވިދާޅުވިއެވެ.

"ބަނދަރާއި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ ކުރިން ބ. ފުޅަދޫގައި 2،000 އަކަފޫޓުގެ ބިމެއްގެ ކުއްޔަކީ 7،000 ރުފިޔާ. ބަނދަރު ނިމި، ފެނާ ނަރުދަމާގެ މަސައްކަތް ހިނގަން ފެށުމާއެކު މިއަދު ހަމަ އެ ބިމުގެ އަގަކީ 15،000 ރުފިޔާ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ރަށްތައް ތަރައްގީވެ އިގުތިސާދީ ހަރަކާތްތަކަށް ފައްކާވަމުންދާއިރު، އެ ރަށްތަކުގެ ގޮނޑުދޮށާ ހަމައިގައި ހުއްޓިފައި އޮންނަ އިގުތިސާދު މުޅި ރާއްޖެއަށް ފަތުރާލަށްޖެހޭ ކަމަށެވެ. އަދި އެކަން ކުރެވޭނީ އިތުބާރާ ޔަގީންކަން އޮތް ބަދަހި ދަތުރުފަތުރުގެ ނިޒާމަކުން ކަމަށާއި އެއް ރަށް އަނެއް ރަށާއި އެއް އަތޮޅު އަނެއް އަތޮޅާ ގުޅާލައި މުޅި ރާއްޖޭގައި އެކީއެކަށް ހިނގާ އިގުތިސާދީ އިންޖީނަކީ އެއްގަމާއި ކަނޑާއި ވައިގެ މަގުން ރާއްޖެ ގަތާލެވޭ ދަތުރުފަތުރުގެ ނިޒާމު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.