ނ. ހެނބަދޫ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޑަބްލިޔުއެސްސީން ބުނެފިއެވެ.

ހެނބަދޫ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެމްޑަބްލިޔުއެސްސީން މިއަދު ބުނީ މުޅި މަޝްރޫއުގެ 80 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 4.83 ކިލޯމީޓަރުގެ ފެންހޮޅީގެ މައި ނެޓުވޯކުގެ ހޮޅި ވަޅުލުމުގެ މަސައްކަތާއި ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބެހެއްޓުމުގެ މަސައްކަތުގެ އިތުރުން ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށްވެސް ބުންޏެވެ.

އޭގެ އިިތުރުން ފެން ޕްލާންޓް ބެހެއްޓުމަށްޓަކައި އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގުގެ މަސައްކަތާއި ފެން އުފެއްދުމަށްޓަކައި އާރުއޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތްވެސް މިހާރު ނިމުމަކާ ގާތްވެފައިވާ ކަމަށް ފެން ކުންފުނިން ބުންޏެވެ. އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޯށްދޭނެ ކަމަށްވެސް ބުންޏެވެ.

ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގެ ފަރާތުން މި މަޝްރޫއު އެމްޑަބްލިޔުއެސްސީއާ ހަވާލުކުރީ 41.36 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ މުއްދަތަކީ 15 މަސް ދުވަހެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 8 އޭޕްރިލް 2021ގައެވެ.