މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ން ނަގާފައިވާ ފައިނޭންސިން ފެސިލިޓީއަކަށް ފައިސާ ނުދައްކައިގެން ރައްޔިތުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާނާއި އޭނާގެ ބޭބެ އިނާން ހުސެއިންމަނިކާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކުރުމުން އެ ދަރަނި ދައްކައިފިއެވެ.
ނިހާން އެމްއައިބީން ލޯނު ނަގާފައިވަނީ 2016 ވަނަ އަހަރުއެވެ.
އެމްއައިބީން ނިހާންއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ، ޕްރޮޕަޓީ ފައިނޭންސިން ލޯނުގެ ފައިސާ އެއްބަސްވުމާ އެއްގޮތަށް ނިހާން އަދާކުރަމުންނުދާތީ، އެ ލޯނަށް މަހުން މަހަށް އަރާ "މަންތްލީ ރެންޓަލް" ފައިސާ އާއި ޗެރިޓީގެ ގޮތުގައި އަރަމުންދާ ފައިސާ އެކީ އެއްފަހަރާ ދެއްކުމަށް ނިހާންގެ މައްޗަށް އަމުރުކޮށް ދިނުމަށް އެދޭ ކަމަށެވެ. ފައިސާ އެއްކޮށް ނުދެއްކޭނަމަ، ލޯނު ނެގުމަށް ރަހުނު ކޮށްފައިވާ ނިހާންގެ ޕްލެޓިނަމް ރެސިޑެންސް ފުލެޓް ވިއްކާލުމުގެ ހުއްދަ އެމްއައިބީއަށް ދިނުމަށްވެސް ކޯޓުގައި އެދުނެވެ.
ސިވިލް ކޯޓުން މިއަދު އެ މައްސަލައިގައި ކުރި ހުކުމުގައި ނިހާންގެ މައްޗަށް އެމްއައިބީން ކުރި ދައުވާ އެ ބޭންކުން އަނބުރާ ގެންދިޔުމަށް އެދިފައިވާ ކަމަށެވެ. އެގޮތަށް އެމްއައިބީން އެދުނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު ނިހާން، ލޯނުގެ ފައިސާ އެކީ އެއްފަހަރާ ދައްކަވާފައިވުމުން ކަމަށް ސިވިލް ކޯޓުގައި ހުކުމުގައިވެއެވެ.
"މަދަނީ އިޖުރާއަތުގެ ގާނޫނު"ގެ ދަށުން ކޯޓަށް ހުށަހަޅާފައިވާ ދައުވާތަކާ ގުޅިގެން ދައުވާކުރާ ފަރާތަށް އެހާތަނަށް އެއްވެސް ފައިސާއެއް ލިބިފައިވާނަމަ، ދައުވާލިބޭ ފަރާތުން ރުހުން ލިޔުމުން ލިބިގެން ނުވަތަ ކޯޓުން އެކަމުގެ ހުއްދަ ދައުވާކުރާ ފަރާތަށް ދިނުމުން ދައުވާ އަނބުރާ ގެންދެވޭނެކަން އެނގޭ ކަމަށް ސިވިލް ކޯޓުން ބުންޏެވެ.
އެމްއައިބީން ދައުވާ އަނބުރާ ގެންދަން ކޯޓަށް ހުށަހެޅުމުން ނިހާންގެ ފަރާތުން އެކަމަށް ދެކޮޅު ނޫންކަން އަންގައި ކޯޓަށް ލިޔުން ފޮނުއްވާފައިވާ ކަމަށް ސިވިލް ކޯޓުން ބުންޏެވެ. އެހެންކަމުން އެމްއައިބީން އެދުނު ގޮތަށް ނިހާންގެ މައްޗަށް އެ ބޭންކުން ކުރާ ދައުވާ އަނބުރާ ގެންދަން ބޭނުންވާތީ އެ މައްސަލަ އިތުރަށް ކުރިޔަށް ގެންދާނެތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ހުކުމް ކުރިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު