ގަލްފުގެ އަރަބި ގައުމުތަކުގެ މެދުގައި ކުޅެވުނު އެރޭބިއަން ގަލްފު ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ތިނެއް ދޭކުން އޮމާން ބަލިކޮށް އިރާގުން ތަށި އުފުލާލައިފިއެވެ.
މިފަހަރުގެ މުބާރާތް ކުޅެވުނީ އިރާގުގެ ދެކުނުގެ ސަހަރެއް ކަމުގައިވާ ބަސަރާގައެވެ. މިއީ ދާޚިލީ ހަނގުރާމައިގެ ސަބަބުން އިރާގުގައި ބައިނަލްއަގުވާމީ އެއްވެސް މެޗެއް ނުކުޅެ އަހަރުތަކެއް ވުމަށްފަހު އެގައުމުގައި ބޭއްވުނު ފުރަތަމަ މުބާރާތެވެ. ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗު ބަލަން ޓިކެޓާ ނުލައި އެތައްހާސް ބަޔަކު ސްޓޭޑިއަމަށް ވަންނަން ދިމާކުރުމުން ހިނގި ހަމަނުޖެހުންތަކެއްގައި ދެތިން މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވެއެވެ. ފައިނަލް މެޗަށް މިހާދިސާގެ ހިޔަނި އޮތީ ވަރަށް ބޮޑަށް އެޅިފައެވެ.
މެޗު ފަށައިގެން ގިނައިރު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ އޮމާނުންނެވެ. އެކަމަކު ސައުވީސް ވަނަ މިނިޓުގައި ލަނޑުޖަހައި އެންމެ ފުރަތަމަ ލީޑުނެގީ އިރާގުންނެވެ. މި ލަނޑު ޖަހައިދިނީ އިބްރާހިމް ބަޔީޝެވެ. އޮމާނަށް އެއްވަރު ކުރެވުނީ މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ސަލާހު ޔަހުޔާ ޖަހައިދިން ގޯލުންނެވެ. މެޗު އެއްވަރުވުމުން ނަތީޖާ ނެރެން ދެން ކުޅުނީ އިތުރުވަގުތުގެ ދެހާފެވެ.
އިތުރު ވަގުތުގެ ދެވަނަ ހާފުގައި އިރާގުގެ އުތުވާން ލަނޑެއްޖަހައި އަލުން ލީޑުނެގިތާ ތިން މިނިޓް ފަހުން އޮމާނުގެ އަމްޖަދު އަލްމާލްކީ ވަނީ ދެވަނަ ފަހަރަށް އޮމާނަށް އެއްވަރުކޮށްދީފައެވެ. މެޗުން އިރާގު މޮޅުވި ލަނޑު އިތުރުވަގުތުގެ އެންމެ ފަހު މިނިޓްތެރޭގައި ކާމިޔާބުކޮށްދިނީ ޔޫނުސްއެވެ. މިއީ މި މުބާރާތް އިރާގުން ކާމިޔާބުކުރި ހަތަރު ވަނަ ފަހަރެވެ. އެކަމަކު މިފަހަރު ތަށި މިލިބުނީ 35 އަހަރުގެ ދިގު މެދުކެނޑުމަކަށްފަހުގައެވެ. ގަލްފުކަޕަކީ ކޮންމެ ހަތަރު އަހަރަކުން އެއްއަހަރު ކުޅެވޭ މުބާރާތެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު