މީޑިއާނެޓަށް 9.3 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މީޑިއާ ހިންގާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މިއީ މީޑިއާނެޓާއި ޕީއެސްއެމްއާ ދެމެދު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން މީޑީއާނެޓުން ފޯރުކޮށްދީފައިވާ ހިދުމަތްތަކަށް ދައްކަންޖެހޭ ފައިސާއާއި އެ ފައިސާ ދައްކާފައި ނުވުމުގެ ސަބަބުން ދައްކަންޖެހޭ އިންޓްރެސްޓާއެކު 9.3 މިލިއަން ރުފިޔާ އެކީ އެއްފަހަރާ ދެއްކުމަށް ޕީއެސްއެމްއަށް އަންގައި ދިނުމަށާއި އެއްބަސްވުންތަކުގެ ދަށުން އަރަމުންދާ އިންޓްރެސްޓްގެ ފައިސާ ދެއްކުމަށާއި އެއްބަސްވުނުްތަކުގެ މުއްދަތުގައި އެއްބަސްުންތަކާ އެއްގޮތަށް ފައިސާ ދައްކަމުން ދިއުމަށް ޕީއެސްއެމްއަށް އަންގައި ދިނުމަށް އެދި މީޑިއާނެޓުން ޕީއެސްއެމްގެ މައްޗަށް ކޮށްފައިވާ ދައުވާ އެކެވެ.
މި ދައުވާއަށް ޖަވާބުދެމުން ޕީއެސްއެމުން ސިވިލް ކޯޓުގައި ބުނެފައިވަނީ، މީޑިއާނެޓުން ކުރާ ދައުވާގައި ބުނާ 9.3 މިލިއަން ރުފިޔާގެ ތެރެއިން ޗެނަލް ރައިޑިން ފީ އަކީ ދައްކަންޖެހޭ ފައިސާއެއް ކަމަށް އެއްބަސްވާ ކަމަށެވެ. ނަމަވެސް ދައުވާގައި ހިމެނޭ އިންޓްރެސްޓްގެ ފައިސާއަކީ ދައްކަންޖެހޭނެ ފައިސާއެއް ނޫން ކަމަށް ބުނެފައިވެއެވެ.
މި މައްސަލާގައި ޕީއެސްއެމުން ހޯދުމަށް މީޑީއާނެޓުން ހުށަހަޅާފައިވާ 9.3 މިލިއަން ރުފިޔާގެ ތެރެއިން 5،066،800 ރުފިޔާއަކީ ހިދުމަތުގެ އަގަށްވާ ދައްކަންޖެހޭ ފައިސާއެވެ. އިންޓްރެސްޓްގެ ގޮތުގައި ދައްކަން ޖެހެނީ 4،242،777 ރުފިޔާއެވެ.
ނަމަވެސް މި މައްސަލަ ބަލައި ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި އިންޓްރެސްޓް ފީއަކީވެސް ޕީއެސްއެމުން ދައްކަންޖެހޭ ފީއެއް ކަަމަށް ވަނީ ކަނޑައަޅައިފައެވެ.
އެހެންކަމުން މީޑިއާނެޓުން ޕީއެސްއެމްގެ މައްޗަށް ކުރި ދައުވާގައި އެ ފަރާތުން ހޯދުމަށް އެދިފައިވާ 9.3 މިލިއަން ރުފިޔާއަކީ ޕީއެސްއެމުން ދައްކަންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި އެ ފައިސާ މީޑިއާނެޓަށް ދެއްކުމަށްޓަކައި 30 ދުވަހުގެ ތެރޭގައި އެ ކޯޓަށް ދައްކައި ހަލާސް ކުރުމަށް ސިވިލް ކޯޓުން ހުކުމްކުރިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު