ސަރުކާރުން ތަރައްގީކުރަން ނިންމާފައިވާ ބ. ތުޅާދޫ، ށ، ބިލެތްފެހި، ތ. ވިލުފުށި އަދި ހދ. މަކުނުދޫގައި ތަރައްގީކުރަން ނިންމާފައިވާ އެއާޕޯޓްތަކަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުމަށް މިރޭ ހަނިމާދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ބޮޑުއުތުރާއި ބޮޑުތިލަދުންމަތި އަދި މުޅި ރާއްޖޭގެ ތަރައްގީއަށް ސަރުކާރުގެ ތަސައްވުރުގެ ތެރެއިން ވަރަށް ގިނަ މަޝްރޫއުތަކެއް ކުރިއަށްދާ ކަމަށެވެ. އަދި އޭގެ ގިނަ ކަންކަން ފެށި، ނިމެމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މާލެ ސަރަހައްދުގެ ކަނޑުދަތުރުފަތުރު ހައިސްޕީޑަށް ބަދަލުވީ ހުޅުލޭ އެއާޕޯޓް ނިމުމަށްފަހު. އެ ހިދުމަތް އޭރު ފެށުނީ ހަމައެކަނި ފަތުރުވެރިންނަށްޓަކައި. އަޅުގަނޑުމެން ދެންނެވިން، ރައްޔިތުންނަށްޓަކައި އަގުހެޔޮ އަރާމު، ހައިސްޕީޑް ފެރީ ނިޒާމެއް ގެންނާނަމޭ. މި ބޮޑު އުތުރުގެ 41 ރަށް އެވަނީ އެ ނިޒާމުން އަމުނާ ގަތާ ބަނދެވިފައި،" ރައީސް ވިދާޅުވިއެވެ.

"މި ސަރުކާރުގެ އާރުޓީއެލް ހިދުމަތް ދިނުމުގެ މަސައްކަތް ނިމިއްޖެ. ރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ޔަގީންކަން އަރުވަން. މިދާ މަގުން ގޮސްގެން މަގުމައްޗެއް ނުވާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސާފު ބޯފެނާއި ނަރުދަމާގެ މަސައްކަތް ނުފެށޭ އެއްވެސް ރަށެއް އެ ސަރަހައްދުގައި ނެތް ކަމަށެވެ. ހޯރަފުށީ އެއާޕޯޓް ނިންމައި ބޭނުން ކުރަން ފެށިއްޖެ ކަމަށާއި ފަރެސްމާތޮޑާ އެއާޕޯޓުވެސް ނިމިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މާފަރު ބައިނަލްއަގުވާމީ އެއާޕޯޓުގެ އެކްސްޕެންޝަން މަސައްކަތް މޯބިލައިޒް ކުރެވިއްޖެ. މަކުނުދޫ، ބިލެތްފަހި، ތުޅާދޫ، އަދި ވިލުފުށީ އެއަރޕޯޓް އަޅާނެ ފައިސާ ހޯދިއްޖެ. މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް ނީލަމަށް ހުޅުވާލެވިއްޖެ. ދެން އޮތީ މަސައްކަތް ފެށުން. ރ. އަތޮޅު ނިމުމުން، ޑޮމެސްޓިކް އެއާޕޯޓްތަކުން މުޅި ރާއްޖެ، ވައިގެ މަގުން ގުޅާލައި ނިމޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އާރުޓީއެލްގެ ހިދުމަތާއި ހަނިމާދޫ އެއާޕޯޓާއި ކުޅުދުއްފުށީ ސަރަހައްދީ ބަނދަރާއެކު ފުރިހަމަވާނީ ބިރުންހުރި އިގުތިސޯދެއްގެ ފުރިހަމަ މޮޑެލެއް ކަމަށެވެ. އެއީ "މިދާ މަގުން ގޮސް މަގުމަތި ނުވެ، މާދަމާ މުޅި ރާއްޖެ އޮންނާނެ ގޮތުގެ ނަމޫނާ" ކަމަށް ރައީސް ވިދާޅުވިއެވެ.

  • ހދ. މަކުނުދޫ - 23,300,000 ޑޮލަރު
  • ށ. ބިލެތްފެހި - 23,600,000 ޑޮލަރު
  • ބ. ތުޅާދޫ - 21,900,000
  • ތ. ވިލުފުށި - 33,300,000