ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެވޭ މާލީ އެހީއަށް އެދި ހުށަހަޅާ މީހުން، ދެން ފޯމު ހުށަހަޅަން ޖެހޭނީ "ނޭޝަނަލް ޑިސްއެބިލިޓީ ރެޖިސްޓްރީ (އެންޑީއާރު)" ގެ ޑިޖިޓަލް ޕޯޓަލް (ndr.nspa.gov.mv) މެދުވެރިކޮށް ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނެފިއެވެ.
އެންސްޕާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު"ގެ ދަށުން ރާއްޖޭގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފުތަރު މިމަހުގެ ފަސްވަނަ ދުވަހު އެކުލަވާލައިފައިވާ ކަމަށެވެ.
ހަމަ އެއާއެކު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފުތަރާ ގުޅޭގޮތުން ތައްޔާރުކުރެވިފައިވާ "ނޭޝަނަލް ޑިސްއެބިލިޓީ ރެޖިސްޓްރީ (އެންޑީއާރު)" ގެ ޑިޖިޓަލް ޕޯޓަލް (ndr.nspa.gov.mv) އިފުތިތާހުކޮށް، ދަފުތަރުގައި ރަޖިސްޓަރީވުމަށް އާންމުކޮށް ހުޅުވާލާފައިވާ ކަމަށް އެންސްޕާ އިން ބުންޏެވެ.
"މިގޮތުން 16 ޖަނަވަރީ 2023 އިން ފެށިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީއަށް އެދި ހުށަހަޅާ ފަރާތްތަކުން ފޯމު ހުށަހަޅުއްވާނީ "ނޭޝަނަލް ޑިސްއެބިލިޓީ ރެޖިސްޓްރީ (NDR)" ގެ ޑިޖިޓަލް ޕޯޓަލް (ndr.nspa.gov.mv) މެދުވެރިކޮށް ކަމުގައި ދަންނަވަމެވެ. އަދި މި ޕޯޓަލް މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފުތަރުގައި ރަޖިސްޓަރީކުރެވޭ ފަރާތްތަކުގެ ތެރެއިން މާލީ އެހީއަށް އެދޭ ފަރާތްތަކަށް، މިހާރުވެސް އަމަލުކުރާ ފަދައިން، ދަފުތަރުގައި ރަޖިސްޓަރީވާ މަހުން ފެށިގެން އެލަވަންސް ޖަމާކޮށްދެވޭނެ ކަމުގައި ދަންނަވަމެވެ..،" އެންސްޕާ އިން ބުންޏެވެ.
އެންސްޕާ އިން ބުނީ ޑިޖިޓަލް ޕޯޓަލް ބޭނުންކުރަން ފެށިޔަސް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެވޭ މާލީ އެހީ މިހާރު ލިބެމުން އަންނަ އެއްވެސް ފަރާތެއްގެ އެހީ މެދުކަނޑާލެވިގެން ނުދާނެ ކަމަށާއި އެމީހުންގެ މައުލޫމާތު ދަފުތަރުން ފެންނަން ހުންނާނެ ކަމަށެވެ. އަދި އެ މައުލޫމާތު ދަފުތަރުގައި އަޕްޑޭޓުކޮށް އިތުރަށް ބޭނުންވާ މައުލޫމާތު ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށް ފުރިހަމަކުރުމަށް އިސްކަމެއްދިނުމަށް އެންސްޕާ އިން ވަނީ އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު