ޖެންޑާ މިނިސްޓްރީން ކޮންމެ އަހަރަކު ދޭ "ރެހެންދި އެވޯޑް" އަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރެހެންދި އެވޯޑަކީ ގައުމީ ތަރައްގީގައި ފާހަގަކޮށްލެވޭ ހިއްސާއެއް އޮވެ، ގައުމަށް ބޮޑެތި ލާބަޔާއި މަންފާ ލިބޭ ހިދުމަތް ކޮށްދީފައިވާ އަންހެނުން އަދި އަންހެނުން ކުރިއަރުވަން މަސައްކަތްކުރާ ފިރިހެނުންގެ އަދި ޖަމިއްޔާތަކާއި ޖަމާއަތްތަކުގެ އަގުވަޒަންކުރުމުގެ މަގުސަދުގައި 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ދޭ އެވޯޑެކެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ، އެ އެވޯޑަށް ނަން ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 13 ވަނަ ދުވަސް ކަމަށެވެ. އެވޯޑަށް ކުރިމަތިލުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުސަތާއި އެހެން ފަރާތަކުން ނޮމިނޭޓް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

އޭގެ އިތުރުން މުއައްސަސާ، އޮފީސް، ކުންފުނިތަކުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ނަން ހުށަހެޅުމުގެ ފުރުސަތުވެސް ހުޅުވާލާފައިވާ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ، މި އަހަރު އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުތުތައް އެކުލެވޭ އުސޫލާއި ފޯމު އެ މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށެވެ. އަދި ޖެންޑާ މިނިސްޓްރީންނާއި އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުތަކުންވެސް ފޯމު ލިބެން ހުންނާނެ ކަމަށް ބުންޏެވެ.

ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެވޯޑަށް ކުރިމަތިލާން ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށް، ޖެންޑާ މިނިސްޓްރީންނާއި މިނިސްޓްރީގެ އީމެއިލުންނެވެ.