އިރާގުގެ ބަސަރާގައި މިހާރު ކުރިއަށްދާ ގަލްފުގެ އަރަބި ގައުމުތަކުގެ ސަރަހައްދީ ފުޓަބޯޅަ މުބާރާތުގެ ފުރަތަމަ ބުރުން ސަރަހައްދުގެ އެންމެބޮޑު ދެބާރު ކަމަށްވާ ސައޫދީ އަރަބިޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް ކަޓައިފިއެވެ.

ޖުމްލަ 8 ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕެއްގެވެސް އެއްވަނަ ޓީމާއި ދެވަނަ ޓީމު ސެމީފައިނަލަށް ހޮވޭގޮތަށް ފަރުމާކުރެވިފައިވާ މި މުބާރާތުން ސައޫދީ އަރަބިޔާ ކެޓީ ބުރާސްފަތިދުވަހުގެ ރޭ އޮމާނާ ވާދަކޮށް ދޭއް އެކަކުން ބަލިވުމުންނެވެ. ސައޫދީ އަރަބިޔާ ވަނީ އޭގެ ކުރިން ހޯމަދުވަހު އިރާގު އަތުންވެސް ދޭއް ސުމަކުން ބަލިވެފައެވެ. ގްރޫޕް ފިޔަވަހީގައި ކުޅެން ޖެހޭ ތިން މެޗުގެ ތެރެއިން ސައޫދީ އަރަބިޔާ މޮޅުވީ ޔަމަނު އަތުން އެކަންޏެވެ.

ގްރޫޕް އޭގެ މެޗުތައް ނިމުނުއިރު މި ގްރޫޕުގެ އެއްވަނަ ހޯދީ އިރާގެވެ. ދެވަނަ ހޯދީ އޮމާނެވެ. ސައޫދީ އަރަބިޔާއަށް ލިބުނީ ތިންވަނައެވެ. ގްރޫޕުގެ ފުލަށް ދިޔައީ ޔަމަނެވެ. ގްރޫޕްބީގައި ހުކުރުދުވަހުގެ ރޭ ގަތަރާ ވާދަކޮށް ޔުނައިޓެޑް އަރަބް އެމިރޭޓްސް އެކެއް އެކަކުން އެއްވަރު ކުރިއަސް އެމިރޭޓްސް ދިޔައީ ގްރޫޕުގެ ފުލަށެވެ. ދެވަނަ ޓީމުގެ ގޮތުގައި ގަތަރު ވަނީ ސެމީއަށް ހޮވިފައެވެ. ކުވޭތާއި ބަހުރޭނު ކުޅުނު މެޗު އެކެއް އެކަކުން އެއްވަރުވެގެން ނިމުނީމާ ގްރޫޕްގެ އެއްވަނަ ލިބުނީ ބަހުރޭނަށެވެ. ކުވޭތަށް ލިބުނީ ތިންވަނައެވެ.

ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ހޯމަދުވަހުގެ ރޭ ބައްދަލުކުރާނީ އިރާގާއި ގަތަރެވެ. ހަމައެރޭ ދަންވަރު ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނީ ބަހުރޭނާއި އޮމާނެވެ. މީގެތެރެއިން ބަހުރޭނަކީ މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނެވެ.