ގައުމީ އިނާމު ދިނުމުގެ އުސޫލަށް ބައެއް ބަދަލުތައް ގެނެސް، އެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހު ހުޅުވާލަން ގައުމީ އިނާމާބެހޭ ކޮމިޓީން ނިންމައިފިއެވެ.

ގައުމީ އިނާމުގެ އުސޫލަށް ގެނެސްފަވާ ބަދަލުތަކަކީ އުމުރުން 60 އަހަރު ވުމުންވެސް ހިތްވަރު ދިނުމުގެ އިނާމަށް ކުރިމަތިލެވޭ ގޮތް ހެދުމާއި މިހާރު އުސޫލު އޮންނަ ގޮތުން ކުންފުނި، ޖަމިއްޔާ، ޖަމާއަތްތަކަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމަށް ހުށަހެޅުމުގެ ފުރުސަތު ނޯންނާތީ، އެ ފަރާތްތަކަށްވެސް ހިދުމަތުގައި 35 އަހަރުވުމުން ޝަރަފުވެރިކަމުގެ އިނާމަށް ނަން ހުށަހެޅޭ ގޮތަށް ބަދަލު ގެނައުމެވެ.

އޭގެ އިތުރުން މިހާރު އިނާމު ދެމުން ގެންދާ ދާއިރާތަކުގެ ތެރެއަށް އިތުރު ދެ ދާއިރާއެއް މި އަހަރު އިތުރުކުރުމަށްވެސް އިނާމާބެހޭ ކޮމިޓިން ވަނީ ނިންމައިފައެވެ. އެއީ ކަލިނަރީ އާޓްސްގެ ދާއިރާއާއި އިންޖިނިއަރިންގެ ދާއިރާއެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ، ހިތްވަރުދިނުމުގެ އިނާމު ލިބިފައިވާ ވަކި ފަރުދަކު ނުވަތަ ކުންފުންޏެއް ނުވަތަ ޖަމާއަތެއް ނަމަ، އެ އިނާމު ލިބުނުތާ 10 އަހަރުވެފައިވުމާއި ހިދުމަތްކުރި މުއްދަތުގެ ޖުމުލަ 35 އަހަރު ވެފައިވުމުންނެވެ. އަދި އެ އިނާމު ދިނުމުގައި، އެ ފަރާތަކުން ނުވަތަ ޖަމިއްޔާ ޖަމާއަތަކުން ދިވެހި ގައުމަށާއި މުޖުތަމައަށް ފައިދާ ހުރި ގޮތެއްގައި ވަރަށް ފުޅާ ދާއިރާއެއްގައި ގައުމީ ފެންވަރެއްގައި ފޯރުކޮށްދީފައިވާ ފެންވަރު ރަނގަޅު ހިދުމަތްތަކަށާއި ހޯދާފައިވާ ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކަށް ބަލާ ގޮތަށް ވަނީ ނިންމައިފައެވެ.

ހިތްވަރު ދިނުމުގެ އިނާމު ދެނީ، އެ ދާއިރާއެއްގައި މަދުވެގެން ހަތް އަހަރު ހިދުމަތް ކުރުމުންނެވެ. އަދި ކުންފުނި، ޖަމިއްޔާ ޖަމާއަތެއް ނަމަ މަދުވެގެން 10 އަހަރު ހިދުމަތް ކުރުމުންނެވެ.

މި އަހަރު ގައުމީ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ، މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.

މިދިޔަ އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު 10 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 22 ފަރާތަކަށް ވަނީ ދީފައެވެ.