މ. ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 77 ޕަސެންޓް ނިންމާލައިފިއެވެ.

އެ މަސައްކަތް ކުރާ އެމްޓީސީސީން މިއަދު ބުނީ، ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަށް ބޭނުންވާ ބޮޑުހިލައިގެ ހަތަރުވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.

ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއާ ހަވާލުކުރީ، 28 ނޮވެމްބަރު 2021 ވަނަ ދުވަހުއެވެ.

ކޮޅުފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 22،961،969.21 މިލިއަން ރުފިޔާއަށް އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.

މި މަޝްރޫއުގެ ދަށުން ކޮޅުފުށީގެ އިރުއުތުރު ފަރާތުގައި 136.6 މީޓަރުގެ ރިވެޓްމަންޓަކާއި ދެކުނު ފަރާތުގައި 382.2 މީޓަރުގެ ރިވެޓްމަންޓު ގާއިމު ކުރުމުގެ މަސައްކަތާއި ދެ ބްރޭކްވޯޓާ (202.40 މީޓަރު) ގާއިމު ކުރުމާއި އިރު ދެކުނު ފަރާތުން ގިރާ ސަރަހައްދަށް ވެލި އެޅުމުގެ މަސައްކަތް ކުރާނެއެވެ.

މީގެ އިތުރުން ދެ ސަރަހައްދެއް ފުންކޮށް މޫދަށް އެރޭ ސަރަހައްދެއްގެ ގޮތުގައި ތަރައްގީ ކުރުން ވެސް ހިމެނެއެވެ. އެ މަސައްކަތް އެމްޓީސީސީން މިހާރު ވަނީ ނިންމާލައިފައެވެ.