ވެއިޓަރަކަށް ރޮބޮޓެއް ހަރަކާތްތެރިވާ ކެފޭ އެއް މާލޭގައި އިއްޔެ ހުޅުވައިފިއެވެ. ރޮބަޓް ވެއިޓަރުގެ ހިދުމަތާއެކު ރާއްޖޭގައި ކެފޭއެއް ހުޅުވި މިއީ ފުރަތަމަ ފަހަރެވެ.

ރޮބަޓް ވެއިޓަރަކާއެކު ހުޅުވި ކެފޭ އަކީ "އޯޝަން ބަބަލްސް" ކެފޭއެވެ. އެ ކެފޭ ހުޅުވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ.

އޯޝަން ބަބަލްސް ކެފޭ ހުންނާނީ މަޖީދީ މަގުގެ ހެންވޭރު ކޮޅުގައި އޫރިދޫ އޮފީސް ކުރިން ހިންގި އިމާރާތުގެ އެންމެ ތިރީ ބައިގައެވެ.

އެ ކެފޭއިން ބޮބާޓީ ގިނަ ވައްތަރުތައް ލިބެން ހުންނާނެއެވެ. އަދި ހައިގްރޭޑް ކޮފީތަކާއި ޖެލާޓޯ އިތުރުން އެހެން ލުއި ކާނާ ލިބެން ހުންނާނެއެވެ. މީގެ އިތުރުން ކަސްޓަމަރުންނަށް ހިލޭ ވައިފައިގެ ހިދުމަތާއި ވަޔާލެސްކޮށް ފޯނު ޗާޖުކުރެވޭނެ އިންތިޒާމު ކެފޭގައި ވަނީ ހަމަޖައްސައިފައެވެ.

ރެސްޓޯރެންޓުގައި ރޮބަޓް ވެއިޓަރުންގެ ހިދުމަތް ގާއިމު ކޮށްފައިވަނީ ދުނިޔޭގެ މަދު ގައުމުތަކެއްގައެވެ. އެ ގައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އަދި ޗައިނާ، މެލޭޝިއާ، ސައުތް ކޮރިއާ އަދި ޖަޕާންގެ އިތުރުން އެހެން ބައެއް ގައުމުތައް ހިމެނެއެވެ.