މިދިޔަ އަހަރު ނިމުނުއިރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) ގައި ހުރި އަދަދު ހަތް ބިލިއަން ރުފިޔާއިން މައްޗަށް އަރައިފިއެވެ.

އެސްޑީއެފަކީ ގައުމުގެ އިގުތިސޯދަށް ކުރިމަތިވެދާނެ ކުއްލި ހާލަތަކަށާއި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އިގުތިސޯދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް 2017 ވަނަ އަހަރު ސަރުކާރުން އުފައްދާފައިވާ ހާއްސަ ފަންޑެކެވެ. އެ ފައިސާ ޖަމާކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ އިންނެވެ.

ފިނޭންސް މިނިސްޓްރީން މިއަދު އާއްމުކުރި މާލީ ހިސާބުތައް ދައްކާ ގޮތުން މިހާރު އެ ފަންޑުގައި ހުރި ޖުމުލަ އަދަދަކީ 7.1 ބިލިއަން ރުފިޔާއެވެ. އަދި އެސްޑީއެފް ބޭންކް ބެލެންސްގައި މިހާރު 2.1 ބިލިއަން ރުފިޔާ އެބަހުއްޓެވެ.

މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ގެ ނިޔަލަށް އެސްޑީއެފް ފަންޑަށް 820 މިލިއަން ރުފިޔާ ޖަމާކޮށްފައިވެއެވެ. އެއީ މިދިޔަ އަހަރު އެ ފަންޑަށް ޖަމާކުރާނެ ކަމަށް އަންދާޒާ ކުރި އަދަދަށްވުރެ 51 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

މިދިޔަ އަހަރަށް ފާސްކުރި ބަޖެޓުގައިވާ ގޮތުން އެ އަހަރު ސޮވްރިން ޑިވްލޮޕްމަންޓް ފަންޑަށް 769.2 މިލިއަން ރުފިޔާ ޖަމާވާނެއެވެ. އަދި އެ ފަންޑަށް މި އަހަރު 874 މިލިއަން ރުފިޔާ އަދި 2024 ވަނަ އަހަރު 960 މިލިއަން ރުފިޔާ ޖަމާވާނެ ކަމަށް އަންދާޒާ ކޮށްފައިވެއެވެ.