މާލެ ރަސްމީ ފާލަމާއި އެމްޕީއެލް ސަރަހައްދު ފަޅުތެރެއަށް ގިނަ އަދަދެއްގެ ކަޅުތެޔޮ އެޅިފައި ހުރުމުން ތެޔޮ ނެގުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ރަސްމީ ފާލަމާއި ތިން ނަމްބަރު ޖެޓީއާ ދެމެދު މޫދަށް ކަޅުތެޔޮ އެޅިފައި ހުރިކަމުގެ މައުލޫމާތު މެރިޓައިމް ރެސްކިއު ކޯޑިނޭޓް ސެންޓަރު (އެމްއާރުސީސީ) އަށް މިއަދު ހެނދުނު 9:10 ހާއިރު ލިބިފައިވާ ކަމަށެވެ.

އެމްޕީއެލް ސަރަހައްދު މޫދަށްވެސް ކަޅުތެޔޮ އެޅިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ކޯސްޓްގާޑްގެ ޑައިވަރުންނާއި އޮއިލް ޕޮލިއުޝަން ރެސްޕޮންސް ޓީމުން މޫދަށް އެޅިފައިވާ ކަޅުތެޔޮ ނެގުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ ރަސްމީ ފާލަން ސަރަހައްދަށް އެޅިފައިވާ ކަޅުތެޔޮތައް ނެގުމަށް ބޫމިން ބޭނުންކޮށްގެން، ކޮންޓެއިންކޮށް ތެޔޮތައް ނަގަމުންދާ ކަމަށެވެ. އަދި ތެޔޮތައް ނެގުމުގައި ކޯސްޓްގާޑުގެ އިތުރުން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަނާއި މާލެ އޭރިއާ މެރީންސް އާއި މެރިން ޕޮލިސްގެ އިތުރުން މާލެ ސިޓީ ކައުންސިލް ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.