އަންނަ އަހަރުން ފެށިގެން ރާއްޖޭން އެކްސްޕޯޓްކުރާ މުދާ ކޮންޓެއިނާތައް ޓްރާންސްފާ ކުރުމަށް އެމްޕީއެލުންނަގާ އަގުތައް ކުޑަކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޕީއެލުން މިއަދު ބުނީ މި ބަދަލަކީ ރާއްޖޭން މުދާ އެކްސްޕޯޓްކުރާ ފަރާތްތަކަށް ވާދަވެރި އަގުތަކެއްގައި ބައިނަލްއަގުވާމީ ބާޒާރުގައި ދިވެހި އުފެއްދުންތައް ވިއްކުމަށް މަގުފަހިކޮށްދިނުމާއި ރާއްޖޭގެ އެކްސްޕޯޓް ވިޔަފާރިތައް އިތުރަށް ކުރިއަރުވައި އެކްސްޕޯޓް ވިޔަފާރީގައި ވާދަކުރާ ފަރާތްތަކަށް ލުއި ފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން އެ ކުންފުނީގެ ބޯޑުން ގެނައި ބަދަލެއް ކަމަށެވެ.

މި ބަދަލާއެކު އެމްޕީއެލުން މިހާރު ނަގަމުންދާ އެކްސްޕޯޓް ކޮންޓެއިނާ ޓްރާންސްފާ ކުރުމަށް ނަގާ އަގުތައް އަންނަ ޖެނުއަރީ އެކަކުން ފެށިގެން 75 ޕަސެންޓަށް ކުޑަވެގެންދާނެ ކަމަށްވެސް ބުންޏެވެ.

މި ބަދަލާއެކު އަންނަ އަހަރުން ފެށިގެން 20 ފޫޓް ކޮންޓެއިނަރެއް ޓްރާންސްފާކުރަން ނަގާނީ 1،132.08ރ. އެވެ. މިހާރު ނަގަނީ 4،419.03ރ. އެވެ. އަދި 40 ފޫޓް ކޮންޓެއިނަރެއް ޓްރާންސްފާކުރަން ދެން ނަގާނީ 2،264.15ރ އެވެ. މިހާރު 40 ފޫޓް ކޮންޓެއިނަރެއް ޓްރާންސްފާކުރަން ނަގަނީ 8،767.51ރ އެވެ.

އެކްސްޕޯޓް ކޮންޓެއިނަރުގެ ޓެރިފަށް ގެންނަން ނިންމާފައިވާ މި ބަދަލާ ގުޅޭ ގޮތުން މައުލޫމާތު ދިނުމާއި މުދާ އެކްސްޕޯޓް ކުރާ ފަރާތްތަށް މިހާރު ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އެމްޕީއެލުން ވަނީ ރާއްޖޭން ބޭރަށް ކަނޑުމަހުގެ ބާވަތްތައް އެކްސްޕޯޓްކުރާ ފަރާތްތަކާ މިއަދު ބައްދަލުކޮށްފައެވެ.

މި ބައްދަލުވުމުގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީއާއި ސީނިއާ މެނޭޖްމަންޓްގެ ބޭފުޅުން ބައިވެރިވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ އެކްސްޕޯޓް ކޮންޓެއިނަރެއް ޓްރާންސްފާ ކުރުމަށް ނަގާ އަގުތަކަށް އެމްޕީއެލުން ބަދަލު ގެންނަން ނިންމީ މިހާރު ނަގަމުންދާ އަގުތަކާމެދު އެކްސްފޯޓަރުން މީގެ ކުރިން ވެސް ކަނބޮޑުވުން ފާޅުކޮށްފައިވާތީ، އެ ފަރާތްތަކަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ.

އަދި އެމްޕީއެލްގެ އަމާޒަކީ އެކްސްޕޯޓަރުންނަށްވެސް ވިޔަފާރި ހިންގުމަށް ފަސޭހަ މަގުތައް ކޮށައިދިނުން ކަމަށާއި މާލެ ކޮމާޝަލް ހާބަރުގައި ދިމާވެފައިވާ ޖާގައިގެ ދަތިކަމާ ގުޅިގެން ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކުވެސް، އެކްސްޕޯޓަރުންނަށް މިހާރު ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.