ވިމެން އިން ޓެކް މޯލްޑިވްސް އިން ކުރިއަށްގެންދިޔަ "އަވާ އޮފް ކޯޑް" ޕްރޮގްރާމް ނިންމާލައިފިއެވެ.
ވިމެން އިން ޓެކްއިން މިއަދު ބުނީ ދިރާގާ ގުޅިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި ރާއްޖޭގެ 17 އަތޮޅަކުން ހާހަކަށް ވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވާ ކަމަށެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރަކު ޑިސެމްބަރު މަހު ފާހަގަކުރާ އިންޓަނޭޝަނަލް ކޮމްޕިއުޓާ ސައިންސް ހަފުތާގެ ދަށުން ކޯޑު.އޯގްގެ (Code.org) ބައިނަލްއަގުވަމީ ހަރަކާތެކެވެ.
މި އަހަރުގެ "އަވާ އޮފް ކޯޑް" ހަރަކާތް ރާއްޖޭގައި ފަށާފައިވަނީ 10 ޑިސެމްބަރު 2022 ގައެވެ. އަދި މި ޕްރޮގްރާމުގެ މައި އިވެންޓް ބާއްވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށް ވިމެން އިން ޓެކްއިން ބުންޏެވެ.
މި އިވެންޓް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއެވެ. އެރަސްމިއްޔާތުގައި ވާހަކަ ދައްކަމުން މިނިސްޓަރު ވިދާޅުވީ، ކޮމްޕިއުޓަރު ސައިންސްގެ ދާއިރާއިން ދަސްވާ ހުނަރުތަކަކީ ހަމައެކަނި މުސްތަގުބަލުގައި ކުދިންގެ ކެރިއާއަށް މުހިއްމު ހުނަރުތަކެއް ނޫން ކަމަށާއި އެ ހުނަރުތަކަކީ ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް އަގުހުރި ހުނަރުތަކެއް ކަމަށެވެ. އަދި އަވާ އޮފް ކޯޑަކީ ކޮމްޕިއުޓަރު ސައިންސްގެ ދުނިޔެ ދެނެގަނެ، އޭގެ ސަބަބުން ކުދިންނަށް ފައިދާކުރާނެ ގޮތްތައް ދެނެގަތުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް ވިދާޅުވިއެވެ.
އެ އިވެންޓުގައި ދިރާގުގެ ޗީފް ޓެކްނޮލޮޖީ އެންޑް އިންފޮމޭޝަން އޮފިސަރު މުހައްމަދު މުއްސަދު ވަނީ ކޯޑިން ސަބަބުން ޓީމްވޯކާއި ވަގުތަށް ކަމޭހިތުމާއި ޕްރޮޖެކްޓް މެނޭޖްމަންޓް އަދި މައްސަލަތައް ހައްލުކުރުން ފަދަ ބޭނުންތެރި އެތައް ހުނަރެއް ދަސްވާ ކަމެއްގެ ގޮތުގައި ސިފަ ކުރައްވައި، އެ ކަމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަ ދައްކަވައިފައެވެ.
އެ އިވެންޓުގައި ވިމެން އިން ޓެކް މޯލްޑިވްސްގެ ނާއިބު ރައީސާ މަރިޔަމް ޝިމާނަތު ވެސް ވަނީ ކޯޑިންގެ މުހިންމުކަމާއި އޭގެން ދަސްވާ ހުނަރުތަކުގެ ބޭނުންތެރިކަން ފާހަކުރައްވައި ވާހަކަ ދައްކަވައިފައެވެ.
ވިމެން އިން ޓެކްއިން ބުނީ މިއަހަރުގެ ޕްރޮގްރާމްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި އެންވާރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާވެސް އަވާ އޮފް ކޯޑް ޕްރޮގްރާމް ފުރިހަމަ ކުރައްވާފައިވާ ކަމަށެވެ. އަދި ކޯޑިން ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރައްވާނެ ކަމަށް ދެ މިނިސްޓަރުންވެސް ވިދާޅުވެފައިވާ ކަމަށް ވިމެން އިން ޓެކްއިން ބުންޏެވެ.
ވިމެން އިން ޓެކްއިން ބުނީ މި ހަރަކާތުގައި ދިރާގާއި އެޖަމިއްޔާގެ ތަޖުރިބާކާރުންނާއި ސްކޫލް ޓީޗަރުން ގުޅިގެން ސައިންސާއި ކޯޑިންގެ ދާއިރާއަށް ބައިވެރިން އަހުލުވެރިކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ބައިވެރިވުމަށް ހިތްވަރު ދިނުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ބާއްވައި، ކޮމްޕިއުޓާ ސައިންސްގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައިވާނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އޭގެ އިތުރުންވެސް "އަވާ އޮފް ކޯޑް" އަކީ ހުރިހާ އުމުރުފުރައެއްގެ ދަރިވަރުން ކޯޑިން އަށް ތައާރަފުކޮށް ކޮމްޕިއުޓަރު ސައިންސަށް ޝައުގުވެރިކަން އުފެއްދުމަށް ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި ޅަ އުމުރުގައި ކޮމްޕިއުޓަރު ސައިންސް ދަސްކުރަން ފެށުމަކީ ކޮންމެ ދާއިރާއަކުންވެސް ކުރިއަށް ދިއުމަށް ބިންގާ އެޅި، އެ ކުދިންގެ އުފެއްދުންތެރިކަމާއި މައްސަލަ ހައްލުކުރުމުގެ ގާބިލުކަމާއި ހުނަރު ވެސް އިތުރުވެގެންދާނެ ކަމެއް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު